ވެލާނާގޭގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓު ކުރުމުން، އެމްއެންޑީއެފްގެ ބޮމް ސްކޮޑްން އެ ސަރަހައްދުގައި ހަރަކާތްތެރިވެއްޖެއެވެ.

ވެލާނާގޭގެ ފަސް ވަނަ ފްލޯގައި ހުންނަ ޓޫރިޒަމް މިނިސްޓްރީން ގޮތް ނޭނގޭ އެއްޗެއް ފެނުމުން އެ އޮފީހުން މުވައްޒަފުން ބޭރަށް ނެރުނެވެ.

ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ ސިފައިންގެ ވެހިކަލްތައް އެ ސަރަހައްދުން ދިޔަ ކަމަށާއި މުވައްޒަފުން އަނބުރާ އޮފީހަށް ވަނީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ، ޓޫރިޒަމް މިނިސްޓްރީން ފެނުނު އެއްޗަކީ އެއްވެސް ގެއްލުމެއް ނެތް އެއްޗެއްކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި ފެނުުނު އެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާ ހަވާލު ނުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރިއެވެ.