ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސަގައި ވޯޓުލުން ނިމި، މެއި ހައެއްގެ ހަމަލާއާ ގުޅިގެން އެމްޑީޕީގެ "މެއި ހައެއް ކޮމިޓީ"ގެ މަސައްކަތް މަޖިލީހާ ހިއްސާ ކުރަން ފެށުމުން ބައެއް މެންބަރުން ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވުމުން އެ މެންބަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.

މިރޭގެ ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ބައިވެރިވެފައިވާއިރު މި ފަހަކަށް އައިސް ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުން އާންމުކޮށް ފެންނަނީ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން އެކަންޏެވެ. އަދި ރަައީސް ސޯލިހަށް ވަފާތެރި މެންބަރުން މަޖިލީހުން މި ފަހުން ފެނިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ކޮންމެ ބައްދަލުވުމެއްގައި ވެސް ރައީސް ސޯލިހަށް ވަފާތެރި މެންބަރުންނަށް ފާޑުވިދާޅުވެ މެންބަރުން ވާހަކަ ދައްކަވާއިރު ރޭގެ ޖަލްސާގައި ވެސް ވަނީ އެ މެންބަރުންނަށް ފާޑު ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ދެ ހުށަހެޅުމަކަށް ވޯޓަށް އެހުމަށްފަހު ވޯޓުގެ ކަންކަން ނިމުމުން ރިޔާސަތުން ވަނީ މެއި ހައެއް ކޮމިޓީއަށް ފުރުސަތު ދީފައެވެ. ބައްދަލުވުން ފެށުނުއިރު 123 މެންބަރުން މަޖިލީހުގައި ތިއްބެވި ނަމަވެސް މެއި ހައެއް ކޮމިޓީން މައުލޫމާތު ހިއްސާކުރި އިރު ތިއްބެވީ 104 މެންބަރުންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވިދާޅުވީ ރޭގެ ގައުމީ މަޖިލިސް ފެށިގެން ދިޔައީ ވަރަށް ބޮޑު ތަރުހީބަކާއެކުގައި ކަމަށެވެ. ނަމަވެސް "މެއި ހައެކޭ" ރިޔާސަތުން ވިދާޅުވާއިރަށް މަދުވަމުން މަދުވެއްޖެ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ މެއި ހައެއްގެ މައްސަލައަކީ އެއްވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައެއް މެންބަރުންނަށް ނުފެންނަ ކަމަށެވެ. އަދި އެ މައްސަލައާ ސަރުކާރުގެ ބައެއް އިސް ބޭފުޅުން އަޅާނުލައްވާ ކަމުގެ ޝަކުވާ އާންމު މެންބަރުން ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ވަރަށް ކަންބޮޑުވޭ ޗެއާ، ވަރަށް ކަންބޮޑުވޭ އިނގޭތޯ، މެއި ހައެކޭ ވިދާޅުވުމުން ޑިފެންސް މިނިސްޓަރު އެންމެ ފުރަތަމަ ވެސް ނުކުމެވަޑައިގަންތަން ފެނުނީ. އެ ދެން ވަރަށް ދެރަކަމެއް،" ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ ވެސް ވަނީ މަޖިލިސް ދޫކުރައްވާ ވަޑައިގެންނެވި މެންބަރުންނަށް ފާޑުވިދާޅުވެފައެވެ.

އިމްތިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ފެށުނު ޖަލްސާގައި އެންމެ ފުރަތަމަ ވެސް ރިޔާސަތުން އިއްވެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް ކަމަށެވެ. އަދި އެ ސިޓީފުޅުގައި އެމަނިކުފާނަށް މިހާރު ރާއްޖޭގެ މާހައުލު އޮތް ގޮތުން އެނބުރި ވަޑައިގަންނަވަން އެކަށޭނެ މާހައުލެއް ނެތްކަމުގެ ބިރު ހާމަ ކުރައްވައިފައިވާ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ޖަލްސާގައި އެ ސިޓީ ރިޔާސަތުން ހުށަހެޅުމަށްފަހު އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އެމްޑީޕީގެ ދެ މެންބަރުންނަށް ކަމަށާއި ނަމަވެސް އެ މައްސަލައަށް ރިއާޔަތްކޮށް އެއިން އެއްވެސް މެންބަރަކު އެއްޗެއް ވިދާޅުނުވާ ކަމުގައި އިމްތިޔާޒު ފާހަގަ ކުރެއްވިއެވެ. އަދި އެއަށްފަހު ފުރުސަތު ލިބިވަޑައިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އިމްތިޔާޒު ވިދާޅުވީ ރޭ ވެސް ފެނުނީ އެފަދަ މަންޒަރެއް ކަމަށާއި މަޖިލީހުގައި އެއީ އެ ބޭފުޅުން ބޭނުންވާ ކަންކަން ނިމުމާއެކު "ބޮނދަމުން ފިލަމުން ތިރިވަމުން ދާ މަންޒަރު" ކަމަށެވެ.