ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ނިންމައިފިއެވެ.

އެ އިންތިހާބު ފަސްކުރަން ނިންމައިފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ 181ވަނަ ގައުމީ މަޖިލީހުގައެވެ.

ރޭގެ ޖަލްސާއަށް ވަނީ ދެ ހުށަހެޅުމެއް ހުށަހަޅައިފައެެވެ. އެގޮތުން އެއް ހުށަހެޅުމަކީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ އިންތިޚާބު ވޯޓުލާ މަރުކަޒަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށާއި އެއީ ސިއްރު ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށެވެ.

އިސްތިއުނާފު ފަނޑިޔާރުންގެ މަަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން، ވޯޓުލާ މަރުކަޒަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށް ހުށަހެޅި ހުށަހެޅުމަށް 100 މެންބަރުން ވޯޓު ދީފައިވެއެވެ. އަދި އެކަމަށް ނުފެންނަ ކަމަށް 15 މެންބަރުން ވޯޓުދިން އިރު ވޯޓުގައި ޖުމުލަ ބައިވެރިވީ 116 މެންބަރުންނެވެ.

މީގެ އިތުރުން، އިންތިޚާބުގެ ވޯޓު ސިއްރުން ކުރިއަށް ގެންދިއުމަށް 98 މެންބަރުން ތާއީދު ކޮށްފައިވެއެވެ. މި ހުށަހެޅުމަށް ޖުމުލަ 118 މެންބަރުން ވޯޓުގައި ބައިވެރިވީއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 19 މެންބަރުންނެވެ.

ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން ވަނީ އުފެދިފައެވެ. އެގޮތުން އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވާ ގޮތާ ގުޅިގެން ވެސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދައިފައެވެ.

މެންބަރުންގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ނަންތައް ތަރުތީބު ކޮށްފައިވަނީ އެޕްލިކޭޝަން ހުށަހެޅި ތަރުތީބުން ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅައިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ ހުށަހެޅި ތާރީޚާއި ގަޑި ފެންނަން ވެސް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ވޯޓުލުން މަރުކަޒަށް ހާޒިރުވެގެން ސިއްރުން ކުރިއަށް ގެންދިއުމަށް ގައުމީ މަޖިލީހަށް ނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ އިންތިޚާބަށް 18 މީހުން ކުރިމަތިލައިފައިވެއެވެ.

މި އިންތިޚާބާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު ވަނީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)އަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ. އެ މެސެޖުތަކުގެ ސްކްރީންޝޮޓް "ސަން"އަށް ލިބިފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލިސް ހޮވަނީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ކަމެއް ކުރާން ކަމަށްބުނެ ބިގޭ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާގޮތުން އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"އެފަދަ ފިތުނަވެރި ވާހަކަތަކަކީ މި ގުރޫޕުގައި އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާއާ ޖެއްސުމަށް ދައްކާ ވާހަކަ. މި ވާހަކަތައް ގަބޫލު ނުކުރުމަށް އެދެން،" ނަޝީދު އިތުރު މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ އިންތިޚާބުގައި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަކި މެންބަރުންތަކެއް ހޮއްވެވުމަށް ނަޝީދު ވެސް އަދި ބިގޭ ވެސް މަސައްކަތް ކުރައްވައެވެ. އަދި އެނގިފައިވާ ގޮތުގައި އެ މެންބަރުންގެ ލިސްޓެއް ބިގޭ ގެންގުޅުއްވައެވެ.

އެ ލިސްޓަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ބިގޭ ގެންގުޅުއްވާ ލިސްޓުގައި އެމްޑީޕީގެ ކަންކަމުގައި އުޅެފައިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.