23 Feb 2012, 12:59
މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިނގަމުންދާ "މޯލްޑިވްސް ވޮލަންޓިއާސް ކޯ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އުވާލައްވައިފި އެވެ.
މޯލްޑިވްސް ވޮލަންޓިއާސް ކޯ އުވާލެއްވީ، އެ އިދާރާއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކަކީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް އިން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އެއްބާވަތެއްގެ މަސައްކަތްތަކެއް ދެ ތަނަކުން ކުރަމުން ގެންދިޔުމުގައި އިދާރީގޮތުން ބައެއް ދަތިތަކާ ކުރިމަތިވަމުންދާތީ، މި މަސައްކަތް ކުރުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް މިހާރަށް އޮތް ކަމަށް ރައީސްއަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އިދާރާ އިން ކުރަމުން ގެންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްއިން ކުރަމުން ގެންދާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.