28 Aug 2021, 20:36
ކ. ކާށިދޫގައި ދަނޑުވެރިއަކު ހައްދައިފައިވާ 118 ފަޅޯ ގަހުގެ ތެރެއިން 115 ގަސް ކޮށާލުމުގެ ސަބަބުން ހަތަރު ލައްކަ ރުފިޔާގެ ގެއްލުމެއް ލިބިއްޖެއެވެ.
އެ ދަނޑުތަކުގެ ވެރިޔާ"ސަން"އާ ވާހަކަ ދައްކަމުން ބުނީ އެއީ އޭނާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތެއް ކަމަށެވެ. އެ ގަސްތަކުގެ ތެރެއިން ކޮށައި ނުލާ ހުރީ އެންމެ ތިން ގަހެވެ. އެހެން ހުރިހާ ގަހަކަށް ގެއްލުންދީފައިވާއިރު ހައެއްކަ ގަސް ފިޔަވާ އެހެން ހުރިހާ ގަހެއް ވަނީ ބިމާ ހަމަ ކޮށްފައެވެ.
"އަޅުގަނޑު ދަނޑުވެރިކަން ކުރަނީ ވަޒީފާގައި އުޅެފައި ލިބޭ ހުސް ވަގުތުގައި. މިއީ ދަނޑުތަކަށް ގެއްލުން ދިން ފުރަތަމަ ފަހަރު," އޭނާ ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި ގަސްތަކުން ފަޅޯ ކަނޑަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ. އަދި މިހާރު ހަފްތާއަކު ދެ ފަހަރު ފަޅޯ ވިއްކަން ފޮނުވާ ކަމަށާއި ފޮނުވާ ކޮންމެ ފަހަރަކު ވެސް މަދުވެގެން 16 ބާސްކެޓް ވިއްކަން ފޮނުވާ ކަމުގައި އޭނާ ކިޔައިދިނެވެ.

ކޮށާލި ފަޅޯ ގަސްތަކުން ކަނޑަައިފައިވާ ފަޅޯ --
ކޮންމެ ހަފްތާއަކު ދެ ފަހަރު ފަޅޯ ބޭރު ކުރާއިރު މަހެއްގެ މައްޗަށް 360 ކިލޯ ފަޅޯ ބޭރު ކުރެވެއެވެ. އަދި ކޮންމެ ހަފްތާއަކު މި މަސައްކަތުން ބާރަ ހާހާއި ސާދަ ހާހާ ދެމެދުގެ އަދަދަކަށް އާމްދަނީ މި މަސައްކަތުން ލިބޭ ކަމުގައި ދަނޑުވެރިޔާ ކިޔައިދިނެވެ.
"27 ވަނަ ދުވަހު ހެނދުނު ހަގަޑި ބައި ހާއިރު ވަލަށް ދިޔަ އަންހެނަކަށް ފެނިގެން ގުޅީމަ އަޅުގަނޑަށް އެނގުނީ. އެ އަންހެން މީހާގެ ފިރިމީހާ އަޅުގަނޑަށް ގުޅީ،" އޭނާ ކިޔައިދިން ގޮތުގައި އެއީ ބުރާސްފަތި ދުވަހުގެ ރޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެެވެ.
އޭނާ އިތުރަށް ބުނީ މި ކަމުގައި އޭނާއަށް ޝައްކު ކުރެވޭ ވަކި ބަޔަކު ނެތް ކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ގިނަ ދުވަސްތަކެއްވަންދެން ކުރި މަސައްކަތް ބައެއްގެ ޝިކާރައަކަށްވެ ހަލާކުވެ ދިއުމުން ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް މި ދަނޑުވެރިޔާއަށް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އަދިވެސް ހިތްވަރު އެލުވައިނުލާނެ ކަމަށާއި މަސައްކަތައިގެން ކުރިއަށް ދާނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ކާށިދޫއަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށަކަށްވާއިރު މިގޮތަށް މީހުންގެ ދަނޑުތަކަށް ގެއްލުންދިނުމަކީ މީގެ ކުރިން އާންމު ކަމަކަށް ވިޔަސް މިހާރު ވަރަށް ނުކުރާ ކަމެއް ކަމުގައި އޭނާ ކިޔައިދިނެވެ.