ސަރުކާރުގެ އިޖްތިމާއީ، އިގްތިސާދީ މަޝްރޫއެއް ހިންގުމުގެ ބަދަލެއްގެ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ބިން މަޝްރޫއު ހިންގާ ފަރާތަށް ކުއްޔަށް ދޫކުރުމުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.

މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އެއަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެގޮތުން އަލަށް އެކުލަވާލައިފައިވާ މި ގަވާއިދުގެ މަގްސަދަކީ ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދޭނެ ގޮތުގެ އުސޫލެއް ކަނޑައެޅުންކަމަށް އެ ގަވައިދުގައި ވަނީ ބުނެފައެވެ.

މި ގަވާއިދުގެ ދަށުން ރަށާއި ބިން ކުއްޔަށް ދިނުމުގައި އަމަލުކުރަންވީ ގޮތް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ބިމާއި ރަށް ކުއްޔަށް ދޭނެ މުހިންމު މަޝްރޫތައް ކަނޑައަޅާއިރު ސަރުކާރުގެ އެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައެޅުމަށްފަހު ގެޒެޓުގައި ޝާއިއުކުރެވި އާންމުކޮށް އިއުލާނުކޮށްފައިވާ މަޝްރޫއަކަށް ވާންޖެހެއެވެ.

މަޝްރޫއެއްގެ ބަދަލެއްގެ ގޮތުން ކުއްޔަށް ދޫކުރާނީ ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓުއަރިޒަމް މިނިސްޓްރީން ޝާއިއުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއްކަމަށް އެ ގަވާއިދުގައި ބުނެއެވެ.

އަދި ލިސްޓުގައި ހިމެނޭ ތަންތަނުގެ ތެރެއިން މަޝްރޫއު ހިންގާ ފަރާތުން ތަނެއް ހިޔާރުކުރުމުން، އެ ތަނެއް ކުއްޔަށް ދޫކުރުމަށް ނިންމާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވެސް އެ ގައިވާދުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ފަތުރިވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ލިސްޓުގައި ނުހިމެނޭ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދުމަށް މަޝްރޫއު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަތުމުގެ އިހްތިޔާރު ޓުއަރިޒަމް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ތަނެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް
ހުއްދަ ދޫކުރެވޭނީ މަޝްރޫއު ނިމުމުން ނުވަތަ މަޝްރޫއު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލުކުރުމުން ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އަލަށް ތައާރަފްކުރުމުގެ ގަވާއިދާއެކު ރާއްޖޭގައި ސަރުކާރުގެ މަޝްރޫތައް ހިންގާ ކުންފުނިތަކަށް ރާއްޖެއިން ފަތުރުވެރިކަމުގެ ބޭނުމުގައި ބިމާއި ރަށްރަށް ކުއްޔަށް ނެގުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ.

އަދި ފަތުރުވެރިކަމަށް އިންވެސްޓަރުން ހޯދާ ސަރުކާރުގެ އިޖްތިމާއީ އަދި ސިޔާސީ މަޝްރޫތައް ހިންގާނެ ފަރާތްތައް ހޯދުމަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ.