28 Aug 2021, 18:06
ސަންގެ ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު ލިޔުންތަކުގެ ތެރޭގައި "ސަން ވާހަކަ"ތައް ހިމެނެއެވެ. އަދި އެއް ވާހަކައިގެ އަދަދެއް ނިމުމާއެކު ދެން އަންނަ އެޕިސޯޑަކަށް ކެތްމަދުވެފައިވާކަން ކޮމެންޓުތަކުންނާއި ސަން ހޮޓްލައިންއަށް އަންނަ ފޯނު ކޯލްތަކުންވެސް އެނގިގެންދެއެވެ. ހަމަ އެގޮތަށް، އެއް ވާހަކަ ނިމުމުން އެ ލިޔުންތެރިއެއްގެ ފަރާތުން ދެން ފެންނާނެ މަސައްކަތަކަށް ޝައުގުވެރިކަން ފާޅު ކުރާ މީހުންގެ އަދަދުވެސް ގިނައެވެ.
ސަންއަށް މީގެ ކުރިން ތަފާތު ހަތް ވާހަކައެއް ލިޔެ، ވަރަށް އިހުލާސްތެރި ކިޔުންތެރިންތަކެއް ހޯދާފައިވާ މަރިޔަމް ހިމްނާ (ހިމީ)ގެ އެންމެ ފަހުގެ ވާހަކަ "މަގޭ ހައްގެއް"ގެ އެންމެ ފަހު އެޕިސޯޑު ވަނީ މިދިޔަ އާދިއްތަ ދުވަހު ދޫކޮށްލާފައެވެ. އަދި ހިމީގެ އިތުރު ވާހަކައެއް ކިޔަން ބޭނުންވާ ފަރާތްތަކަށް އޮތް އުފާވެރި ހަބަރަކީ، މާދަމާ ހިމީގެ އާ ވާހަކައެއް ސަންއަށް އަންނަ ކަމެވެ.
"ތިޔަ ލޯބި އެދިގެން"ގެ ނަމުގައި ހިމީ ލިޔާ ވާހަކައަކީ އަންހެން ކުއްޖަކު ކުއްލިއަކަށް ކުރަން ޖެހޭ ކައިވެންޏެއްގެ ސަބަބުން އޭނާއަށް ދިމާވާ ކަންތައްތައް ކިޔައިދޭ ވާހަކައެކެވެ. އަދި އޭނާގެ ހަޔާތާ ބެހޭ ސިއްރުތަކެއް ހާމަ ވެގެންދާ ގޮތެވެ.
ހިމީގެ ބަހުން ނަމަ "ލޯތްބާއި އޭގެ އަސަރާ ޖަޒުބާތު ހިމެނޭ، ލޯބީގެ އަސަރުގަދަ ވާހަކައެކެވެ". އަދި މިވާހަކަވެސް ޝައުގުވެރިވާނެ ކަމުގެ ޔަގީންކަން ހިމީ ދިނެވެ.
ވަރަށް ކުޑަ އިރުން ފެށިގެންވެސް ވާހަކަ ކިޔަމުންގޮސް، ވާހަކަ ލިޔަން ޝައުގުވެރިވި ހިމީގެ ލިޔުމެއް ފުރަތަމަ ޝާއިއު ކުރީ 2017އިގައި އެސްފިޔަ ވެބްސައިޓުގައެވެ. އޭގެ ފަހުން ހިމީ ސަންއަށް ތައާރަފްވީ 2018އިގައެވެ. އަދި "މަގޭ ހައްގެއް"ގެ އިތުރުން އޭނާ ސަންއަށް ލިޔެދީފައިވާ ވާހަކަތަކުގެ ތެރޭގައި މާފުކުރާށޭ ލޯބިވާ، ގުރުބާން ކުރީމޭ ހިތް މަގޭ ލޯބިން، މަޖުބޫރުވީމާ، މަ ލޯތްބެއް ދެން ނުވާނަމޭ، ނޫރު އަދި ހާސިލް ހިމެނެއެވެ.
އެ ވާހަކަތަކާއި އިތުރު ވާހަކަތައްވެސް ސަންގެ ވެބްސައިޓާއި ސަންގެ އުފެއްދުމެއް ކަމަށްވާ"ސަފުހާ"ވެބްސައިޓުން ކިޔާލެވޭނެއެވެ.
ހިމީ ބުނި ގޮތުގައި ވާހަކަ ލިޔުމުގެ ދާއިރާއިން އޭނާއަށް ކުރިއަށް ދެވެނީ ކިޔުންތެރިންގެ ފަރާތުން ލިބޭ ތަރުހީބުގެ ސަބަބުންނެވެ. އެހެންކަމުން ކިޔުންތެރިން އެކި ގޮތްގޮތުން ދެމުންދާ ހިތްވަރަށް ޝުކުރުވެރިވާކަން ހިމީ ފާހަގަކުރިއެވެ.