ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަގޮތާ ބެހޭ ގޮތުން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން، ތައްޔާރުކުރި ދިރާސާ ރިޕޯޓްގައި ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު މަރްޙަބާ ވިދާޅުވެއްޖެ އެވެ.

މި ފުރުޞަތުގައި، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވަ އެވެ. އަދި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައި ވާތީ އެކަމަށްޓަކައި ވެސް ރައީސުލްޖުމްހޫރިއްޔާ އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސީމެގްގެ ރިޕޯޓުގައި، ރާއްޖެ އަށް ކުރިއެރުން ލިބޭނީ، ރާއްޖެ އަށް އަމާންކަމާއި ހަމަޖެހުން ގެނެވިގެން، އަދި ޤައުމީ މަޞްލަޙަތު އިސްކޮށްގެންކަމާއި ހުރިހާ ޕާޓީތަކެއް ވެސް އެއްވެސް ޝަރުޠަކާނުލާ މަޝްވަރާގެ މަޖިލީހަށް އައުމުންކަން ފާހަގަކޮށްފައިވެ އެވެ.

ސީމެގްއިން ހުށަހަޅާފައިވާ ވަރަށް ގިނަ ކަންކަމަކީ މިހާރުވެސް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ކުރައްވަމުން އަންނަ ކަންތައްތަކެވެ. އެގޮތުން، 7 ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތުގެ ތަޙްޤީޤެއް ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށްވުމާ އެކު، މި މަސައްކަތަށް ބޭރުގެ އެހީ ބޭނުންތޯ ނުވަތަ ނޫންތޯ ނިންމަވާނީ، އެ ކޮމިޝަނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަ އެވެ.