9 ވަނަ ލިވިން އެކްސްޕޯ ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއެކު ހައިރައިޒް ޕްރައިވެޓް ލިމިޓެޑްއިން ޕާޓްނާޝިޕްއެެއްގައި ސޮއިކޮށްފިއެވެ.

މިއީ އާ އާންމު ހާލަތުގައި އެންމެން އުޅެން ފަށާފައިވާއިރު، ކޮވިޑްގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގައި ގެދޮރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެކި މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކާއި، އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބައްދަލުކުރެވޭނެހެން ބާއްވާ އެކްސްޕޯއެއްކަމަށް ހައިރައިޒްއިން ބުންޏެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 18 އިން 20 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ 2021 ބޭއްވުމަށްޓަކައި ހައިރައިޒްގެ ފަރާތުން ޕާޓްނަރޝިޕްގައި ސޮއިކުރެއްވީ، ޑިރެކްޓަރު އޮފް ސޭލްސް އެންޑް މާކެޓިން
މަރިޔަމް މާއިޝާ އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
ދެހާސް ތޭރަވަނަ އަހަރު ފެށި، މޯލްޑިވްސް ލިވިން އެކްސްޕޯގެ ކާމިޔާބު އަށް އެޑިޝަން ބާއްވާފައިވެއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ ފާހަގަކޮށްލެވެނީ ފާއިތުވި އަށް އަހަރު ލައިފްސްޓައިލް އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ރާއްޖޭގައި ހަމައެކަނި ބާއްވާ އެކްސްޕޯގެ ގޮތުގައެވެ.

މި އަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަ ކޮށްލެވޭ ކުންފުނި ތަކާއި އިމާރަތް ތަކާއި ދިރިއުޅުމަށް ބޭނުންވާނެ ޚިދުމަތްތަކާއި އެހެންނިހެން ތަކެތީ ގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް ދިނުމަށް ހަމަޖެހިފައި ވެއެވެ.

އެކްސްޕޯގެ ޕާޓްނަރުންނާއި، ސްޕޮންސަރުންގެ އެއްބާރުލުމާއެކު މިއަހަރުގެ އެކްސްޕޯގައި އެންމެ އަގުބޮޑު އިމާރަތްތަކުން ފެށިގެން އަގު ހެޔޮ އިމާރަތްތަކާއި ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ތަކެއްޗާއި ހިދުމަތްތައް އެއްތަނަކުން ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ މި އެކްސްޕޯއިން ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނެ އިންވެސްޓަރުންނާއި އެ ވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.