ތިލަފުށީގައި ކުނި އެންދުން ކުރިއަށް އޮތް ދެ މަސް ތެރޭ ނިންމާލައި، ކުނި މެނޭޖު ކުރުމުގެ މަސައްކަތް ޒަމާނީ ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، ތިލަފުށީގައި ކުރާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ޒިޔާރަތް ކުރެއްވުމަށް ފަހުއެވެ.

ޝައުނާ ވިދާޅުވީ ތިލަފުށީގެ ކުނިފުނިން ދުން އެރުމުގެ ސަބަބުން މާލެ އާއި ކައިރި ރަށްތަކުގެ ރައްޔިތުންނާއި ފަތުރުވެރިންނަށްވެސް އޭގެ އުނދަގޫ ފޯރާ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީގެ އަމާޒަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުނި އެންދުން ހުއްޓާލުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުނިފުނިން އަރާ ދުން އެއްކޮށް ނިވާލާ، އެކަން ނިމުމަކަށް ގެނައުން. އެއަށް ފަހު އަޅުގަނޑުމެންގެ އަމާޒަކީ މިތަނަކީ ދުނިޔޭގެ އެހެން ތަންތަނުގަ ވެސް މިފަދަ ޑަމްޕްސައިޓްތައް ހުންނަ ގޮތަށް ރިމީޑިއެޓް ކުރެވި، ގްރީން ސްޕޭސްއެއްގެ ގޮތުގަ ފެނިގެން ދިޔުން،" ޝައުނާ ވިދާޅުވިއެވެ.

އެ މަސައްކަތަކީ އެންވަޔަރޮމެންޓް މިނިސްޓްރީން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ގުޅިގެން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ ލަފަޔާއި އެހީގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެކެވެ. އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް)ގެ އެހީވެސް އެ މަޝްރޫއަށް ލިބޭނެއެވެ.

މިނިސްޓަރު އައިމިނަތު ޝައުނާ އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ތިލަފުށީގެ މަސައްކަތްތައް ބައްލަވާލައްވަނީ -- ފޮޓޯ: ވެމްކޯ

ޝައުނާ ވިދާޅުވީ އެ މަސައްކަތުގެ ދަށުން ތިލަފުށީގައި ކުނި މެނޭޖު ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުނި ނައްތާލުމުގެ ނިޒާމުވެސް ޒަމާނީ ކުރާނެ ކަމަށެވެ.

"ސަރުކާރުން އޭޑީބީގެ އެހީއާ އެކު ކުރަމުންދާ މަސައްކަތަކީ ތިލަފުށްޓަކީ ޒަމާނީ ޓެކްނޮލޮޮޖީއާ އެކީގަ ކުނި މެނޭޖު ކުރެވޭނެ ތަނަކަށް ހެދުން. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގަ މި މަސައްކަތް ކޮށް ނިންމާލެވޭނެ އަދި ޒަމާނީ ފެންވަރަށް ރާއްޖޭގެ ކުނި ނައްތާލުމުގެ ނިޒާމު ބަދަލުވުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ،" ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ތިލަފުށްޓަށް ކުނި ގެންދާނެ ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ގާއިމު ކުރާނެ ކަމަށާއި އެ ސެންޓަރުތަކުން ކުނި ގެންދާނީ ކޮންޓެއިނަރުތަކުގަ ބަންދުކޮށްގެން ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެހެންކަމުން ކުނި ކަނޑަށް އެޅުމާއި، ކުނިން ދުވާ ވަސް ކުޑަ ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަޝްރޫއާ ބެހޭ ގޮތުން ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ ތިލަފުށީގައި މިހާރު ކުރަމުންދާ މަސައްކަތަކީ ދުން ނުފެތުރޭ ގޮތަށް އެތަން "ސީލް އޮފް" ކުރުން ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު ކުޑަވެ، މީހުންނަށް ރައްކާތެރިކަމާ އެކު މަސައްކަތް ކުރެވޭނެއެވެ.

"މި މަސައްކަތް ނިމިގެންދާ އިރު މިތަން އޮންނާނީ ރީތިކޮށް މީހުންނަށް އައިސް މިތާ ކައިރީގަ މަސައްކަތްކޮށް އުޅެލެވޭ ވަރަށް. މިތަނުގެ އެއާ ޓޮކްސިސިޓީ ލެވެލް ދަށް ކުރެވި، ރައްޔިތުންނަށް މަސައްކަތުގެ މާހައުލަކަށް ތިލަފުށި ބޭނުން ކުރެވޭ ވަރަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މި އޮކްޓޫބަރުގެ ނިޔަލަށް މި މަސައްކަތްކޮށް ނިންމާލާނަން،" އާދަމް މުހައްމަދު ވިދާޅުވިއެވެ.

ތިލަފުށްޓަކީ ކުނި ވަޅުލައިގެން ހިއްކާފައިވާ ރަށެކެވެ. އެ ރަށަށް ކުނި ގެންދަން ފެށީ 1992ވަނަ އަހަރެވެ. އަދި މިހާރު ތިލަފުށި ވަނީ 4.6 މިލިއަން ފޫޓަށް ބޮޑުކޮށްފައެވެ.