28 Aug 2021, 11:51
އިންޑިއާއިން އެއް ދުވަސް ތެރޭ ކޮވިޑް-19 ވެކްސިންގެ 10 މިލިއަން ޑޯޒް ޖަހާ، އެގައުމުގެ ކުރީގެ ރެކޯޑު މުގުރާލައިފިއެވެ.
އިންޑިއާއިން މީގެ ކުރިން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ވެކްސިން ޖަހާފައި ވަނީ 21 ޖޫންގައެވެ. އެއީ 9.2 މިލިއަން މީހުންނަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެއް ދުވަސް ތެރޭ 10 މިލިއަން ޑޯޒް ޖެހުމަކީ އެގައުމަށް ވަރަށް މުހިއްމު ކާމިޔާބީއެެއް ކަމަށެވެ. އަދި "ވެކްސިން ޖެހި މީހުންނަށާއި ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާ ފަރާތްތަކަށް" ތައުރީފު ކުރެއްވިއެވެ.
އިންޑިއާއިން ޖަހަމުން ދަނީ އެގައުމުގައި އުފައްދާ ކޮވިޝީލްޑާއި ކޮވެކްސިންގެ އިތުރުން ރަޝިއާގެ ސްޕަޓްނިކް ވެކްސިންއެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައި ވަނީ އާބާދީގެ 34.3 ޕަސެންޓެވެ. އޭގެ ތެރެއިން ޑޯޒްތައް ފުރިހަމަކޮށްފައި ވަނީ 10 ޕަސެންޓު މީހުންނެވެ.
މުޅި ދުނިޔެއިން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ވެކްސިން ޖަހާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. އެގޮތުން އެގައުމުން ޖޫން މަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ޖެހި އިރު، ދުވާލަކަށް 20 މިލިއަން ޑޯޒް ޖަހާފައިވެއެވެ.
އިންޑިއާގައި އޭޕްރިލް މަހާއި މެއި މަހާ ދޭތެރޭ ކޮވިޑްގެ ރާޅެއް ފެތުރި، އެ މުއްދަތުގައި 200،000އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވިއެވެ. އޭގެ ފަހުން އެގައުމުގައި ކޮވިޑް ފެތުރޭ މިންވަރު މަދު ވުމަށް ފަހު އަނެއްކާވެސް އާ ކޭސްތައް ވަނީ އިތުރު ވާން ފަށާފައެވެ.
އެގޮތުން މިއަދު 46،000 ވަރަކަށް ކޭސް ރިޕޯޓު ކުރި އިރު، އެއީ ފާއިތުވި ދެ މަސް ތެރޭ، އެއް ދުވަހުގެ ކޭސްތައް އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.