އެމެރިކާއިން އިރުމަތީ އަފްގާނިސްތާނުގެ ސަރަހައްދުގައި ހުރި އައެސް ޖަމާއަތުގެ ޕްލޭނަރަކަށް ދިން ހަމަލައެއްގައި އޭނާ މަރާލައިފިއެވެ.

މި ހަމަލާ އެމެރިކާއިން ދީފައި މިވަނީ ކާބުލް އެއާޕޯޓަށް ބުރާސްފަތި ދުވަހު އައިއެސް އިން ހަމަލާއެއް ދިންތާ އެއް ދުވަސް ތެރޭގައެވެ.

އެގޮތުން އެ އެއާޕޯޓަށް އަމާޒުކޮށް އައިއެސް އިން ދިން ހަމަލާގައި 175 އާންމުންނާއި އެމެރިކާގެ 13 ސިފައިން ވަނީ މަރުވެފައެވެ.

އަދި މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ ނަގާފައެވެ.

އެއާއެކު އެމެރިކާއިން މިއަދު ދިން ހަމަލާއަކީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"ވައިގެ މަގުން ދިން މި ހަމަލާގައި، މިވަގުތަށް އަޅުގަނޑުމެންނަށް ދެންނެވެން އޮތީ މި ހަމަލާ އަމާޒު ވާންވީ ފަރާތް މަރާލެވިފައިވާ ވާހަކަ،" އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް ކެޕްޓަން ބިލް އާބަން ވިދާޅުވިއެވެ.

ހަމައެއާއެކު އައިއެސް ގެ ޕްލޭނަރަށް އަމާޒުކޮށް ދިން މި ހަމަލާގައި އާންމުންގެ އެއްވެސް މީހަކު ޒަހަމްވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް ވެސް ބިލް ވިދާޅުވިއެވެ.

އެމެރެިކާއިން އަންނަނީ އަފްގާނިސްތާނުގައި މިވަގުތު ތިބި އެ ގައުމުގެ މީހުންނާއި އެމްބަސީތަކުގައި ތިބި އިސްވެރިން އެ ގައުމުން ބޭލުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ތާލިބާނުންގެ ބާރުގެ ދަށުން ސަލާމަތްވުމަށް ބޭނުންވާ އެތައް ހާސް އާންމުންނެއް އަންނަނީ އެ ގައުމު ދޫކޮށް ދިޔުމަށްޓަކައި އެއާޕޯޓުތަކަށް ޖަމާވަމުންނެވެ.