ރާއްޖޭގެ ޓޫރިޒަމުގެ ތަސައްވަރު ބޭރު ދުނިޔޭގައި ބަދަލު ކުރުމަށް ރާއްޖެ ގެނައި ޗައިނާގެ ޓީވީ ޗެނަލްތަކުގެ ސަބަބުން ޓޫރިޒަމްގެ ޕަބްލިސިޓީއަށް ލިބުނު ފައިދާ ތިން މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޓުރެވަލް އެޖެންޓުން ތަމްސީލްކުރާ ޖަމްއިއްޔާ، މަޓާޓޯ އިން ލަފާކޮށްފި އެވެ.

ފަސް ދުވަހެއްގެ ދަތުރެއްގައި މިދިޔަ އާދިއްތަ ދުވަހު ޗައިނާގެ ހަތް ޓީވީ ޗެނަލެއް ރާއްޖެ ގެނައީ މަޓާޓޯއިން އިސް ނަގައިގެންނެވެ.

އެ ޖަމްއިއްޔާއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ ބޭރުގެ މީޑިއާތަކުގައި ރާއްޖެ ހުތުރުވާ ގޮތަށް ހަބަރުތައް ގެނެސްފައިވާ ކަމަށާއި އޭގެ ސަބަބުން ޗައިނާގެ ގިނަ ޓޫރިސްޓުންގެ ޗުއްޓީ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ ގެނެވުނު މީޑިއާތަކުގެ ސަބަބުން ކުރިއެކޭ އެއްހަމައަކަށް ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމައްވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

"މި ގެނެވުނު މީޑިއާ ގުރޫޕާއި އަދި އޭގެ އިތުރުން ޗައިނާގެ އެކި ހިސާބުތަކުގެ ގިނަ އަދަދެއްގެ ޖާނަލިސްޓުން ރާއްޖޭގައި ހަރަކާތްތެރިވަމުން ދާތީ، އެފަދަ ފަރާތްތަކުގެ ރަނގަޅު ރިޕޯޓްތަކާއި އާޓިކަލްތަކުގެ ސަބަބުން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާ މާކެޓްއެއްކޮށް ރަނގަޅުވާނެ ކަމަށް މި ޖަމްއިއްޔާއިން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ. "ޗެނަލްތަކުގެ ރިޕޯޓްތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ އަގުހުރި މީޑިއާ ޕަބްލިސިޓީ ލިބޭނެ ކަމަށް މި ޖަމްއިއްޔާއިން އަންދާޒާ ކުރަމެވެ،"

މަޓާޓޯއިން ބުނީ ޓީވީޗެނަލްތަކުން ޖުމްލަ 14 ރިޕޯޓަރަކު ރާއްޖެ އައި ކަމަށެވެ. އެ ޓީވީ ޗެނަލްތަކަކީ ގުއަންގްޑޮންގް ޓީވީ، ސީސީޓީވީ، ސީސީޓީވީ ދިޓްރެވަލް ޗެނަލް ބެއިޖިން، ހަންގްޒޯ ޓީވީ، ނަންޖިންގް ޓީވީ، ޑްރެގަން ޓީވީ ޝަންގްހާއީ އަދި ހަންގްޒޯ ޓެލެވިޝަން ނިވްސް ޗެނަލް އެވެ.

އެ ޖަމްއިއްޔާއިން ބުނީ ރާއްޖެ އައި ހުރިހާ ޗެނަލްތަކަށް ހޮސްޕިޓެލިޓީ ދިނީ ޕެރަޑައިސް އިންނާއި ވެލެއްސަރުންނާއި އަދި ކުރުނބާ މޯލްޑިވްސް ރިސޯޓުން ކަމަށެވެ.

ބޭރު ދުނިޔޭގައި ރާއްޖެއާ ބެހޭގޮތުން ފެތުރި ނޭދެވޭ ވާހަކަތަކުން ރާއްޖޭގެ ޓޫރިޒަމަށް 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ)ގެ ގެއްލުންވާނެ ކަމަށް ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ ޖަމްއިއްޔާ، މަޓީން ވަނީ ބުނެފަ އެވެ.