14:30


މާލޭގެ އެކިހިސާބުތަކުގައި ރޭ ހަމަނުޖެހުންތަކެއް ހިނގައި، އަމަންއަމާންކަން ގެއްލި ދިޔުމުން، އެކަންކަމާމެދު ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ސަރުކާރުން ނިންމަވައިފި އެވެ.


ރޭ މާލޭގެ އެކިހިސާބުތަކުގައި ހަމަނުޖެހުންތަކެއް ހިނގައި، އަމަންއަމާންކަން ގެއްލި ދިޔުމުން، އެކަންކަމާމެދު ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޭ މާލޭގެ އެކިހިސާބުތަކުގައި ހަމަނުޖެހުންތަކެއް ހިނގައި، އަމަންއަމާންކަން ގެއްލިދިޔުމުން، އެކަންކަމާމެދު ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިކަންކަމުގައި ޢާންމު މަޞްލަޙަތު ނަގާލައި، މާރާމާރީ ހިންގާފައިވާ ފަރާތްތަކާމެދު ދައުލަތުގެ އަމަން ބަލަހައްޓަވާ ފަރާތްތަކުން ތަޙްޤީޤުކޮށް، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އެބަޔާނުގައިވެ އެވެ.


މާލެތެރޭގައި އަމަންއަމާންކަން ގެއްލިދިޔުމަށް މެދުވެރިވި ސަބަބު ކަމުގައި ފާހަގަކުރެވެނީ، އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޢާންމު ޖަލްސާއެއް ހިނގަމުން ދަނިކޮށް، އެތަނަށް އައި ބަޔަކު، އެތަނުގައި ހަމަނުޖެހުން އުފައްދައި، އަމަން ނަގާލައި، ޖަލްސާގެ ބައިވެރިންނަށް ހާނިއްކަ ކުރުމަށް ޢާންމުންގެ ތެރެއަށް ގާއުކަން ފެށުމުން ކަމަށާއި ސިޔާސީ އެއްވެސް ޕާޓީއަކުން ބާއްވަވާ ޞުލްޙަވެރި ޙަރަކާތެއްގެ ބައިވެރިންނަށް ހާނިއްކައާއި އަނިޔާ މެދުވެރިވާފަދަ ޙަމަލާތައްދީ، ހަމަނުޖެހުން އުފައްދައި، ޢާންމު މަޞްލަޙަތު ނަގާލަން އެއްވެސް ބަޔަކު މަސައްކަތްކޮށް، އެފަދަ ޙާލަތްތައް މެދުވެރިކުރުވުމަކީ، އެކަންކަން ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ އަދި އެފަދަ ކަންކަން ހުއްޓުވުމަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދޭނޭ ކަމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެ އެވެ.


ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް، އަދި ޚާއްޞަކޮށް، މާލޭގައި އަމަންއަމާންކަން ބަލަހައްޓަވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ސަލާމަތީ ބާރުތަކުން ދީފައިވާ ކަމަށްވެސް ރައީސް އޮފީހުގެ އެބަޔާނުގައިވެ އެވެ.