28 Aug 2021, 10:32
އދ. މަހިބަދޫގައި ކޮވިޑަށް ޕޮޒިޓިވްވި ކުއްޖަކާ ގާތުން ބައްދަލުވި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް ލައިފިއެވެ.
އދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ބުންޔާމިން ހަސަން "ސަން" އަށް ވިދާޅުވީ، އެންމެ ފުރަތަމަ ޕޮޒިޓިވްވީ ފްލޫކްލިނިކްއަށް ދެއްކި 17 އަހަރުގެ ފިރިހެން ކުއްޖަކު ކަމަށެވެ.
މިފަހުން ތަނަކަށް ދަތުރުކޮށްފައި ނުވާ މި ކުއްޖާ އަލާމާތްތަކާ އެކު ދެއްކުމުން ޕޮޒިޓިވްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް ރަށުން ނެގި 40 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް ކަމަށް ބުންޔާމީން ވިދާޅުވިއެވެ.
ޕޮޒިޓިންވި ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ނެގި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައި ވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވީ ދެ މީހުންނެވެ. އެއީ ކުއްޖާގެ މަންމަ އާއި ބައްޕައެވެ.
މިވަގުތު ނަތީޖާ ނުލިބި އެއްވެސް ސާމްޕަލެއް ނެތް އިރު، ދެން ސާމްޕަލް ނަގާނީ އެކުއްޖާގެ މަންމަ އާއި ބައްޕަގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ފަރާތްތަކުގެއެވެ.
މަހިބަދޫ އާބާދީގެ 18 އަހަރުން މަތީގެ 87 ޕަސެންޓަށްވުރެ ގިނަ މީހުން ކޮވިޑްގެ ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބުންޔާމިން ވިދާޅުވިއެވެ.
މަހިބަދޫ މޮނިޓަރިން އަށް ލާފައި ވާއިރު، ކައިރީގައި އޮތް އެ އަތޮޅު ހަންޏާމީދޫވެސް ހިމެނޭ ގޮތަށް 17 ރަށެއް މިވަގުތު މޮނިޓަރިންއަށް ލާފައި ވެއެވެ.