ދުވަހުގެ ފެށުން ރަނގަޅުކުރުމަށް އެންމެ މުހިންމު އެއްޗަކީ ރޭގަނޑުގެ ނިންޖެވެ. އެންމެ މަދުވެގެން އަށް ގަޑިއިރުގެ ނިންޖަކީ ކޮންމެހެން ވެސް ބޭނުންތެރި އެއްޗެކެވެ.

ނަމަވެސް މި އަށް ގަޑިއިރުގެ ނިދި ހޯދިދާނެ ބައިވަރު ގޮތްތައްވެސް އެބަހުއްޓެވެ.

އެއްފަހަރާ އަަށް ގަޑިއިރު ނިދުމުގެ ބަދަލުގައި ދުވަހުގެ އެކި ވަގުތުތަކުގައި ވެސް މި އަށް ގަޑިއިރު ހަމަކޮށްލެވިދާނެއެވެ.

އެގޮތުން ދުވާލުގެ އެކި ވަގުތުތަކުގައި ނިދައިގެން މި އަށް ގަޑި އިރު ހަމަކޮށްލުމަކީ ބައެއް މީހުންގެ އާދައެެކެވެ.

ނަމަވެސް "ނެޕިން"ގެ އާދައަކީ ގިނަ މީހުން ސިފަކުރާ ގޮތުގައި އެންމެ ކަންނެތް މީހުންގެ އާދައެވެ. އެއާއެކުވެސް މިކަން މިއީ ދުނިޔޭގެ ގިނަ ބަޔަކު ކުރަމުން އަންނަ ރަނގަޅު ކަމެކެވެ.

"ކުރީގެ މީހުން އަހަރެމެން ކައިރީ ބުނެފައި އޮންނަނީ 12 ނުވަތަ 16 ގަޑިއިރާ ގާތްކުރާ ވަގުތު ދުވާލެއްގެ މައްޗަށް ހޭލާ ހުންނަ ވަގުތުގެ ގޮތުގައި އަދި މަސައްކަތްކުރުމަށް ހޭދަކުރަންޖެހެއޭ. ބާކީ އޮންނަ އަށްވަރަކަށް ގަޑިއިރަކީ އޭނާގެ އަމިއްލަ ކަންކަމާއި އެހިނިހެން ކަންކަންކުރުމަށް. އެހެންވީމާ އެ މީހުންވެސް ބޭނުންވީ އަހަރެމެންގެ ނިދި ވަކި މިންގަނޑެއްގެ ތެރޭ ހިފަހައްޓަން،" ޖަރުމަނުގެ މުނިޗް ޔުނިވާސިޓީގެ ކްރޮނޯބައޮލޮޖީ ޕްރޮފެސަރެއް ވިދާޅުވިއެވެ.

އެ ޕްރޮފެސަރު އިތުރަށް ވިދާޅުވީ ކުރީގެ ސިވިލައިޒޭޝަންތަކުގެ މީހުންގެ މެދުގައިވެސް ނެޕިންގެ އާދަ އޮތްކަން ހާމަވާކަމަށެވެ.

އެގޮތުން ކަރަންޓު ފަދަ އެއްވެސް އެއްޗެއް އެއިރު ނުހުންނަ އިރު ރޭގަނޑުގެ ވަގުތުގައި ނިދާ، ވަކި އިރެއްވުމުން ހޭލުމަށްފަހު ވަގުތު ހޭދަކޮށް އަލުން ނިދަންދާކަން އޭނާގެ ދިރާސާ އަކުން ހާމަވެފައިވާކަމަށް އޭނާ ބުނެއެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި ރަނގަޅު ނިންޖަކީ ހަށިގަނޑުގެ އެކިއެކި ކަންކަން ރަނގަޅަށް މަސައްކަތްކުރުމަށް ޓަކައި ކޮންމެހެންވެސް ބޭނުންތެރި އެއްްޗެކެވެ. އެގޮތުން ހަނދާންކުރުމުގެ ބާރާއި، މީހާގެ ކްރިއޭޓިވިޓީގެ އިތުރުން ކަންކަން ހައްލުކުރުމުގެ ބާރުވެސް ރަނގަޅު ނިންޖެއް ލިބޭ ނަމަ އިތުރުކޮށްދެއެވެ.