27 Aug 2021, 16:07
ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ޕޫލް ކުލަބެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން ޑެވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނެއްގައި ވާގޮތުން، ޕޫލް ކުލަބު ތަރައްގީކުރާނީ ލޮޓް ނަންބަރު 11665 ގެ 6،027.78 އަކަފޫޓުގެ ސަރަހައްދެއްގައެވެ.
އެގޮތަށް ޕޫލް ކުލަބް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީއާއެކު އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޕްރީޕްރޮޕޯސަލް މީޓިން އޮންނާނީ ސެޕްޓެމްބަރު 5ގައި އޮންލައިންކޮށެވެ. އަދި ޕްރޮޕޯސަލް ހުޅުވުން އޮންނާނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ 14:00 ގައި އެގްޒިބިޝަން ސެންޓަރުގައެވެ.
ޕޫލް ކުލަބެއްގެ އިތުރުން، އެޗްޑީސީ އިން މިފަހުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިހާރަތަކާއި، ކެފޭ އަދި ކްލިނިކްގެ އިތުރުން ބޭސްފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައެވެ.