ވޮޝިންޓަން (އޮގަސްޓް 27): އަފްގާނިސްތާންގެ ވެރިރަށް ކާބުލްގެ އެއާޕޯޓް ކައިރީގައި ޖެހިޖެހިގެން އިއްޔެދިން ދެ ޓެރަރިސްޓް ހަމަލާގައި މަރުވި 60 މީހުންގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހުން ހިމެނޭކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނެފިއެވެ.

ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވިގޮތުގައި އެ ދެ ހަމަލާގައި އެމެރިކާ ސިފައިންގެ 13 މީހުން މަރުވެ 18 މީހުން ޒަހަމްވިއެވެ. އެ ދެ ހަމަލާއަށްފަހުވެސް ކާބުލް އެއާޕޯޓް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންނާއި އެމެރިކާއަށް ވާގިވެރިވި އަފްގާން ރައްޔިތުން އަފްގާނިސްތާނުން ބޭލުމަށް ކުރިޔަށް ގެންދާ ވައިގެ ޓްރާންސްޕޯޓް އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިޔަށްގެންދާނެކަންވެސް ކާބީ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކާބުލްގެ އެއާޕޯޓް ކައިރީގައި އިއްޔެ ދިން ޓެރަރިސްޓް ދެ ހަމަލާގައި މަރުވި އެމެރިކާ ސިފައިންގެ މަރަށް ބަދަލުހިފާނެކަމުގެ އިންޒާރު ދެއްވާފައެވެ. އެމެރިކާ ތުހުމަތު ކުރާގޮތުގައި އެ ދެ ހަމަލާދިނީ އަފްގާނިސްތާންގައި ހަރަކާތްތެރިވާ އައިއެސް ގެ ގޮފިކަމަށްވާ "ވިލާޔަތު ޚުރަސާން" އިންނެވެ.

އެ ޖަމާއަތުން ވަނީ ކާބުލްގެ އެއާޕޯޓް ކައިރީގައި އިއްޔެ ދިން ޓެރަރިސްޓް ދެ ހަމަލާގެ ޒިންމާވެސް އުފުލާފައެވެ. އެ ދެ ހަމަލާ އަމާޒުކުރީ އެމެރިކާގެ އިސްތިއުމާރީ ސިފައިންނަށާ އެގައުމުން އަފްގާނިސްތާންގައި ހިންގި އިސްތިއުމާރީ ހަރަކާތްތަކަށް ވާގިވެރިވި އަފްގާން މީހުންނާ ދެކޮޅަށްކަމަށާ އެ ދެ ހަމަލާގައި އެމެރިކާ ސިފައިންނާއި އެމެރިކާއަށް ވާގިވެރިވި ގިނަބަޔަކު މަރާލެވުމަކީ ލިބުނު ކާމިޔާބީއެއްކަމަށް އައިއެސްގެ ނޫސް އެޖެންސީ "އަލްއައުމާގް"އިން ވަނީ ސިފަކޮށްފައެވެ.

އައިއެސްގެ ހަމަލާގައި ޒަޚަމްވި ބައެއްމީހުން

އަފްގާނިސްތާންގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފި ކަމަށްވާ "ވިލާޔަތު ޚުރަސާން" އަކީ އަފްގާނިސްތާންގައި މިހާރު ވެރިކަންކުރާ ތާލިބާނުންގެ އެންމެ ބޮޑު ދުޝްމަނެވެ. މިކަން އެމެރިކާގެ ރައީސް ބައިޑެންވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ބައިޑެން ދެއްވި ބަޔާނެއްގައި އައިއެސް އާ ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާއާއި ތާލިބާނުންގެ މެދުގައި ގުޅިފައިވާ މަސްލަހަތެއްވާކަން ހާމަކުރެއްވިއެވެ.

ތާލިބާނުންގެ މަސްދަރެއް ބުނާގޮތުން ކާބުލް އެއާޕޯޓްގެ ކައިރީގައި އިއްޔެ ދިން ދެ ޓެރަރިސްޓް ހަމަލާއަކީވެސް ޖާނުންފިދާވެގެން ދިން ދެ ހަމަލާއެވެ. އެ ދެ ހަމަލާވެސް ދިނީ އެމެރިކާ ސިފައިން ކޮންޓްރޯލް ކުރާ ސަރަހައްދެއްގައިކަން ތާލިބާނުންގެ އަމަނާބެހޭ މަސްދަރަކުން ވަނީ ކަށަަވަރުކޮށްދީފައެވެ.

އައިއެސް ގެ ވިލާޔަތު ޚުރަސާން ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން

މިއާއެކު ތާލިބާނުންގެ ކުރީގެ މަސްއޫލުވެރިއެއް ކަމަށްވާ އަބްދުއްސަލަމް ޒައީފް ވަނީ އައިއެސްއިން ދެ ހަމަލާވެސް ދިނީ އެމެރިކާ ސިފައިން ކޮންޓްރޯލް ކުރާ ސަރަހައްދެއްގައިކަމުން އެކަމުގެ ޒިންމާ އެމެރިކާ ސިފައިން އުފުލަންޖެހޭނެކަމަށް ބުނެފައެވެ.

އައިއެސް އިން ކާބުލްގެ އެއާޕޯޓް ކައިރީގައި ދިން ޓެރަރިސްޓް ހަމަލާގައި އެމެރިކާ ސިފައިންގެ އިތުރުން ދެން މަރުވީ އެމެރިކާއިން އަފްގާނިސްތާންގައި ހިންގި އަސްކަރީ ހަރަކާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިން އަފްގާން މީހުންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުންނެވެ. އެމީހުން ކާބުލްގެ އެއާޕޯޓް ސަރަހައްދަށް ގޮސްތިބީ އަފްގާނިސްތާނުން ފުރުމަށްޓަކައެވެ.

މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަފްގާނިސްތާނުން ލައްކައަކަށްވުރެ ގިނަ މީހުން ބޭރަށް ގެންދެވިއްޖެކަން އެމެރިކާ ގެ ދިފާއީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަފްގާނިސްތާނުން ބޭރަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ޑިޕްލޮމެޓުންނާއި އެމެރިކާގެ އާންމު ރައްޔިތުންނާ އަދި އެމެރިކާއިން އަފްގާނިސްތާނުގައި ހިންގި އަސްކަރީ ހަރަކާތްތަކަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތައްކަންވެސް ޕެންޓަގަންއިން ހާމަކޮށްފައިވެއެވެ.