27 Aug 2021, 15:03
ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވުމާ ގުޅިގެން އާއިލާއަށް ފޯރުކޮށްދޭންޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލޮމްބޯފައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ފޯރުކޮށްދެމުންދާ ކަމަށެވެ.
އަދި މި ދަނޑިވަޅަކީ ކޮވިޑް ހަލުވިކޮށް ފެތުރޭތީ ލަންކާގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެއްކަމުން ލަންކާގައި ދިރިއުޅޭ ދިވެހިން އެގައުމުގެ ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް ބޯލަނބާ، ރައްކާތެރިވެ ތިބުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން އެގައުމު ލޮކްޑައުން ކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
އެ ގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވެ ބަލިޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 3،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑްގެ ހާލަތު ރަނގަޅުވި އެއް ގައުމަކީ ލަންކާއެވެ. ނަމަވެސް ފަހުން ފެތުރެން ފެށި ޑެލްޓާ ވޭރިއެންޓާއެކު އެގައުމުގެ ހާލަތު އަލުން ވަނީ ގޯސްވެގެން ގޮސްފައެވެ.