އެމްޑީޕީ ސަރުކާރުން ގެނައި ބަދަލުތައް އާ ސަރުކާރުން އެހެން ގޮތް ގޮތަށް ބަދަލުކުރަމުންދާ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ލޮނުޒިޔާރަތްކޮޅުގެ އެމްޑީޕީ ސްޓޭޖުގައި މިއަދު ހެނދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ޑރ. ވަހީދުގެ ސަރުކާރުން "ރޫޅަމުން" ދާނަމަ އެއިން ރައްޔިތުނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމެށެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި އެކަން އާ ސަރުކާރުން ބަދަލުކުރާނަމަ ސަރުކާރަށާއި ރައްޔިތުނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ އެހެން އިންތިޒާމްތަކެއް މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ގާއިމު ކުރެވިފައި. އެ އިންތިޒާމްތައް ރޫޅާލާއި އިހު ހުރިގޮތަށް ނުވަތަ އެހެން ގޮތަށް ކަން ކަން ބަދަލު ކުރުމުގެ ނިޔަތްގަނެގެން އަޅުގަނޑުމެނަށް އަދި ސަރުކާރަކަށް ވެސް އަދި އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ހިންގާން އެ ތިއްބެވި ބޭފުޅުންނަކަށް ވެސް އެއްވެސް މަންފާއެއް ފައިދާއެއް ކުރާނެ ކަމެއްނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭނާގެ ސަރުކާރުން ހަރަދު ކުޑަކޮށް ރަނގަޅަށް ހިނގަމުން އައި ކުންފުނި ތަކުގެ ހިންގުމުގެ ނިޒާމް ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ބޯދާ ވިސްނުމެއް ކަމަށެވެ.

"އަޅުގަނޑުމެނަށް ފެނުނު 2011 ވަނަ އަހަރު ނިމިގެން އައިރު މޯލްޑިވްސް ނޭޝަލް ބްރޯޑް ކާސްޓިން އަކީ ދެކޮޅު ޖެހޭ ކޯޕަރޭޝަނަކަށް ވަމުން އައިތަން. އަޅުގަނޑުމެނަށް ފެނުނު އެތައް ޒަމާނަކަށް ފަހުގައި ފެލިވަރު އެއީ ދެކޮޅު ޖެހޭ ކުންފުޏެއްގެ ގޮތުގައި ވެގެން ދިޔަތަން. އަޅުގަނޑުމެނަށް ފެނުނު އެތައް ޒަމާނެއްގެ ދަރަނި އޮތް އެމްއެންއެސްއެލްގެ ހުރިހާ ދަރަންޏެއް ހަލާސްވެ އެ ކުންފުނި އަލުން އަނބުރާ ފަށައިގަނެވޭނެ ގޮތް ތަކެއް ފެންނަމުންދިޔަ ތަން. އަޅުގަނޑުމެނަށް ބިނާ ކުރެވުނު ކަންކަން ރޫޅާލުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ވެސް ނުތަނަވަސް ބޯދާ ވިސްނުމަކަށް ވާނޭ،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ފަށާފައިވާ މަސައްކަތައް މިހާރުވެސް ކުރިއަށްދާ އުސޫލުތަކަށް ބަދަލު ނުގެނެސް ކުރިއަށް ގެންދިއުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ އިތުރުން މަގުތައް ހަދަން މަސައްކަތްތައް ކުރަނީ ވަކި އުސޫލަކުން ކަމަށާއި އެ އުސޫލުތައް ދޫކޮށްލައިފިނަމަ އެ މަސައްކަތް ނުހިނގާނެ ކަމަށެވެ.


" ވެރިކަން އެ ގެންގުޅުއްވާ ބޭފުޅުންގެ ކިބައިން އެދެން އައްޑު އަތޮޅު ސީޓީއަކަށް ހަދަން ފެށިފައިވާ ކަންކަން ރޫޅާ ނުލައްވައްޗޭ! މުޅި އެ އަތޮޅުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އެއީ ވަކި ގޮތަށް ރޭވިގެން ހިނގާ ކަންކަން. އެ މަޝްރޫއު އެ ބޭފޫޅުން ރޫޅާލައްވައިފި ނަމަ އެކަން ރޭވިފައި އޮތް ގޮތަކަށް ނުހިނގާނެ. އެ ސީޓީގެ މަގުތައް ހެދުން އެ އޮތީ ވަކި އުސޫލަކުން ރޭވިފައި. އެ އުސޫލުތައް ރޫޅާލައިފި ނަމަ އެ މަގުތަކެއް ނުހެދޭނެ. އައްޑޫ ސިޓީގެ ހޮސްޕިޓަލެއް ބިނާ ކުރުމުގެ މަސައްކަތާއި އެތަނުގެ ސިއްހީ ފަރުވާ ރަނގަޅު ކުރުމުގެ މަސައްކަތް ވަކި ހަމައެއްގައި ތަރުތީބު ވެފައި. އެ ތަރުތީބު ރޫޅާލައފި ނަމަ ގެއްލުން ވެގެންދާނީ ހުރިހާ ރައްޔިތުނަށް،" ނަޝީދު ވިދާޅުވި އެވެ.