ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ޖުމްލަ 300،671 މީހުން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް 174 މީހަކު ޖެހިއިރު އަތޮޅުތަކުން 826 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.

އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު 244 އަށް އަރައެވެ. އެއީ މާލެ ސަރަހައްދުން 164 މީހަކާއި އަތޮޅުތަކުން 80 މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ޖުމްލަ 380،379 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 300،671 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެެވެ.

އޭގެ އިތުރުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ 20،000 އަށް ވުރެ ގިނަ ކުދިން މިހާރު ވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކުރުމަކީ ސަރުކާރުގެ އަމާޒެކެެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 84 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ވެކްސިން ޖަހާ ރޭޓް އިތުރުކަން ފާހަގަކޮށްލެވެއެވެ.