27 Aug 2021, 13:25
މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާގެ މާލީ އެހީއާއެކު އަޅާ އެ ބްރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
އެގޮތުން ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކޮށްފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއުއަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއްކަމަށެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީގެ ބައިވެރިޔަކަށްވުމީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށާއި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން އިސްކަން ދޭނެކަމަށެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެއާ ގުޅިފައިވާ، ބިޔަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ، އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް ސަރުކާރުން ބުނެއެވެ.
ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެއެވެ. އެ މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.
އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.