27 Aug 2021, 10:34
އެންމެ 24 ގަޑިއިރުތެރޭގައި އެންމެ ގިނަ މީހުން ބެލި ޓްރެއިލާ އަކަށް "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ވެއްޖެއެވެ.
އެވެންޖާސް: އެންޑްގޭމް ގެ ޓްރެއިލާގެ ރެކޯޑު މުގުރާލުމަށްފަހު ސްޕައިޑަމޭން ގެ ޓްރެއިލާއަށް ވަނީ ދުނިޔެއިން އެއްވަނަ ލިބިފައެވެ.
ސްޕައިޑަމޭންގެ ޓްރެއިލާ އަށް 24 ގަޑިއިރު ތެރޭގައި ވަނީ 355.5 މިލިއަން ވިއުސް ލިބިފައެވެ. އެވެންޖާސްއަށް ލިބުނީ 289 މިލިއަން ވިއުސްއެވެ.
ފިލްމުގެ ޓްރެއިލާ އިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދިޔައިރު ޓްރެއިލާގައި ސްޕައިޑަމޭން އަކީ ކާކުކަން މުޅި ދުނިޔެއަށް ހާމަވެގެންދާ މަންޒަރުވެސް ފެނިގެން ދިޔައެވެ.
"ސްޕައިޑަމޭން: ނޯ ވޭ ހޯމް"ގެ ކާސްޓުންގެ ތެރޭގައި ޓޮމް ހޮލޭންޑް، ޒެންޑަޔާ، ޖެމީ ފޮކްސް، ބެނަޑިކްޓް ކަމްބަބެޗް އަދި އަލްފްރެޑް މޮލީނާ ފަދަ ތަރިން ހިމެނެ އެވެ.
ޑިސެމްބަރު މަހުގެ 17 ގައި ގެނެސްދޭ މި އިންސްޓޯލްމަންޓްގެ ދެ ބައެއް މީގެ ކުރިން ވަނީ ގެނެސްދީފަ އެވެ.
އެއީ 2017 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަމޭން: ހޯމްކަމިން" އާ 2019 ގައި ގެނެސްދިން "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް"އެވެ. މި ދެ ފިލްމަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.