23 Feb 2012, 11:21
ބައިނަލްއަގުވާމީ ހެމޯފިލިކް ދުވަސް، ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަން އެބަލީގެ މީހުންނަށް އެހީވާ ދިވެހި ޖަމްއިއްޔާއެއް ކަމަށްވާ ހެމޯފިލިކް ސޮސައިޓީ އޮފް މޯލްޑިވްސުން ނިންމައިފި އެވެ.
ހިމޯފީލިއާ ނުވަތަ ލޭމަނާނުވާ ބައްޔަކީ ލޭ މަނާކޮށްދޭ މާއްދާއެއް މަދުވެގެން ޖެހޭ ބައްޔެކެވެ. އަދި އެ ބަލީގައި ހަށިގަނޑުގެ ކަށިތަކަށާއި މަސްތަކާއި ޓީޝޫތަކަށް ވެސް ލޭގެ އަސަރު ފޯރައި ގެއްލުންތައް ވެއެވެ.
ބައިނަލް އަގުވާމީ ގޮތުން ހެމޯފިލިކް ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އެވެ. ރާއްޖޭގެ ހެމޯފިލިކް ސޮސައިޓީން ވެސް އެ ދުވަސް ފާހަގަ ކުރަނީ އޭޕްރީލް 17 އިގަ އެވެ.
އެ ސޮސައިޓީގެ ނައިބު ރައީސް އަހުމަދު ނަސީރު އިއްޔެ ވިދާޅުވީ އަންނަ ޖޫންމަހު އެ ޖަމިއްޔާއިން ދުނިޔޭގެ ހިމޯފީލިއާ ފެޑެރޭޝަންގައި ބައިވެރިވާނެ ކަމަށާއި އެކަން ކުރުމަށް ރާއްޖޭގައި ހިމޯފީލިއާ ބަލި ހުންނަ މީހުންގެ ޑޭޓާބޭސްއެއް އެކުލަވައިލަންޖެހޭ ކަމަށެވެ.
"އަޅުނގަޑު މެންނަށް އެބަލީގައި ތިބި މީހުންގެ ޑޭޓާ ބޭހެއް ލިބިގެން އެމީހުންނަށް އެހީވެވެން އޮތީ. ނަމަވެސް އެފަރާތްތައް އައިސް އަޅުގަނޑުމެނާ ބައްދަލުކުރަން އެބަ ފަސްޖެހޭ. އަޅުނގަޑު ދަންނަވާނީ ފަސްނުޖެހޭށޭ، ކުރިމަތި ލައްވާށޭ. ބޭނުން ވަންޏާ މުޖުތަމައުއަށް ނޭނގޭ ގޮތަށް ވެސް ފަރުވާ ހޯދިދާނެ،" ހިމޯފީލިއާ ބަލީ ތަހައްމަލުކުރާ ކުރައްވާ ނަސީރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެޕްރީލް މަހު މި ދުވަސް ވެސް ފާހަގަ ކުރާނަން،"
އޭނާ ވިދާޅުވީ މިބައްޔަށް ފަރުވާ ކުރުމަކީ ވަރަށް ބޮޑު ހަރަދެއް ވެސް ހިނގާ ކަމެއް ކަމަށާއި ބަލި އެއްކޮށް ރަނގަޅު ކުރުމަށް ބައިވަރު ޑޮކްޓަރުން ހިމެނޭ ޓީމެއް ބޭނުންވާތީ އެ ދާއިރާގެ ޑޮކްޓަރުން ތަމްރީން ކުރަން ރާއްޖެއިން ބޭރަށް މީހުން ފޮނުވުމަށާއި ފަރުވާއަށް ބޭނުންވާ މީހުންނަށް ފައިސާ ހޯދައިދިނުމަށް ވެސް އެޖަމްއިއްޔާއިން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގައި މިވަގުތު ހުރީ އެންމެ ހިމަތޮލޮޖިސްޓެކެވެ.
ސޮސައިޓީގެ ރައީސް ޑރ. ރާޒީ ވިދާޅުވީ ރާއްޖޭގައި ހިމޯފީލިއާ ބަލި ޖެހިފައިވާ މީހުން ފެންނަލެއް ވަރަށް މަދުކަމަށާއި އެހެންނަމަވެސް ރާއްޖޭގައި ލޭމަނާ ނުވާ އެހެނިހެން ބަލި ހުންނަ މީހުން އެބަ ތިބި ކަމަށެވެ.
ހެމޯފިލިކް ބަލީގައި ރާއްޖޭގައި ގާތްގަނޑަކަށް 36 މީހަކު އުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.