26 Aug 2021, 22:09
ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އޮތުން އެންމެ މުހިންމު ކަމަކީ ސަލާމަތީ ހިދުުމަތްތައް އެކުގައި ގުޅިގެން މަސައްކަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިރޭ އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން ހުވާކޮށް ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއް މުއްސަސާއިން ކުރާ މަސައްކަތްތަކުގައި އަނެއް މުއައްސަސާގެ އެހީތެރިކަން ވެސް އޮންނަންޖެހޭކަމަށެވެ.
"އެންމެ މުހިންމު ކަމަކީ ގުޅިގެން މަސައްކަތްކުރުން. އިންޓަލެޖެންސް މައުލޫމާތު ހިއްސާކުރުން. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅޭ އިންޓަލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑުގެ ދަށުން މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިންޓަލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ ބާރު ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެއާއެކު ޓެރަރިޒަމްގެ ނުރައްކާތަކާއި ކުރިމަތިލުމުގެ ބާރު އިތުރަށް ވަރުގަދަވެ، ކުރިމަތިވާ ނުރައްކާތައް ވެސް މަދުކުރެވިގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ އަލަށް ހުވާކުރި ސިފައިންނާ މުހާތަބުކޮށް ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.
އެގޮތުން ކޮންމެ ސިފައިންގެ މީހަކުވެސް ތެދުވެރިކަމާއެކު ދިވެހި ދައުލަތް ދިފާއުކުރުމުގައި ދެމިހުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އަމަލާއި ބަހުން ހުވާގެ މަތީގައި ދެމިތިބުމަށްވެސް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
"ސިފައިންނަކީ މާތްﷲ ގަންދީ ހުވައިކޮށް ގރުބާންވުމަށް އަޒުމު ކަނޑައަޅައިގެން އަމާން އައްސޭރިއަކަށް ގައުމު ގެންދިޔުމަށް ހުވާކޮށްގެން ތިބޭ ބައެއް. އެހެންކަމުން އަސްކަރިއްޔާގެ ހިދުމަތަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫން. އެއީ ގައުމީ ހިދުމަތުގައި ވެވޭ ވަރަށް މަތުވެރި ގުރުބާނީއެއް،" ރައީސް ވިދާޅުވިއެެވެ.