26 Aug 2021, 21:20
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނެވީ މައިބަދައިގެ އޮޕަރޭޝަނާ ދޭތެރޭ ޑޮކްޓަރުން ގޮތެއް ނިންމަންދެން ކަމުގައި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
"ސަން"އާ ވާހަކަ ދައްކަމުން އަލީ ވަހީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ރާއްޖެ ނައުމަށް އެއްވެސް ގޮތަކަށް ނިންމައިފައި ނުވާ ކަމަށެވެ. އަދި ސިޔާސީ ހިމާޔަތަކަށް އޭނާ އެދުނު ކަމަށް ބުނާ ވާހަކައަކީ މުޅިން ހަގީގަތެއް ނޫން ކަމަށްވެސް ވަކީލުންގެ ޓީމުން ބުންޏެވެ.
އަލީ ވަހީދު ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ނޫސްވެރިންގެ ބައްދަލުވުމަކަށް ތައްޔާރުވަމުން ދަނިކޮށްނެވެ.
ގާނޫނީ ވަކީލުންގެ ޓީމުން ބުނި ގޮތުގައި އޭނާ މިހާރު ހުރީ އިނގިރޭސި ވިލާތުގެ ގެޓްވިކްގައި ހުރި ޖަލެއްގައެވެ. އެ ޖަލަކީ އެގައުމުގައި ވިސާ ހަމަވުމަށްފަހު ހުންނަ މީހުން ބައިތިއްބާ ޑިޓެންޝަން ޖަލެކެވެ.
މީގެ އިތުރުން، އަލީ ވަހީދު ވިސާ އެކްސްޓެންޑު ކުރަން އެދިފައިވާ ކަމަށާއި އޭނާ މައިބަދައިގެ އޮޕަރޭޝަން ކުރުމާއި ނުކުރުމާމެދު ގޮތް ނިންމަން އޮތީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށް ވެސް ގާނޫނީ ވަކީލުންގެ ޓީމުން ބުނެއެވެ.
އަލީ ވަހީދު ހައްޔަރު ކުރިތޯ އާއި އޭނާ ހައްޔަރު ކުރި މައްސަލައިގެ ބާވަތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވަނީ "ސަން"އަށް ވިދާޅުވެފައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
އެ ދައުވާތައް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްހަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ނުވެއެވެ.