ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ފެށި ފަރިތަކުރުންތައް ބައްލަވާލެއްވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވަޑައިގެންފައެވެ.

މާލޭގައި ކުރިއަށް ގެންދާ ފަރިތަކުރުންތަކަށް ފަހު ގައުމީ ޓީމު ގަތަރަށް ފުރަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ގަތަރުގައި ބާއްވާ ކޭމްޕުގައި އެކުވެރި ކަމުގެ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޒަވާ) ވިދާޅުވީ ގަތަރުގައި ކުޅޭ މެޗުތައް ވަރަށް އަވަހަށް ފައިނަލް ވެގެންދާނެކަމަށެވެ. މެޗުތައް ފައިނަލް ވުމާއެކު އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޓީމުން ނަގާފައިވާ ޕްރިލިމިނަރީ ސްކޮޑަށް ކޯޗު ސުޒޭން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ތިން ކުޅުންތެރިން ވަނީ އިތުރުކޮށްފައެވެ.

އަލީ ހައިޝަމް (ޗުމްޕު)، މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އެޓީމުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)އަށް ވަނީ ސްކޮޑުން ޖާގަ ދީފައެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު އަނިޔާގެ މައްސަލަ ކުރިމަތިވެފައިވަނީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އަށެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ނިކުންނަ އިރު ސަމުއްޓޭ ފިިޓު ވާނެކަމަށް ބެލެވެއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޫބަރު އެއްވަނަ ދުވަހު ނިކުންނަނީ ނޭޕާލް އާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހު ބަންގްލަދޭޝް އާ ވާދަކުރާނެއެވެ.

ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ސްރީ ލަންކާ އާ ކުޅުމަށްފަހު ފަހު މެޗުގައި އިންޑިއާ އާ ބައްދަލު ކުރާނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.