26 Aug 2021, 17:21
ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކުރި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް ޔުނައިޓެޑު ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު)، މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އެޓީމުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އިތުރުކޮށްފިއެވެ.
އެފްއޭއެމްއިން ފުރަތަމަ އިއުލާން ކުރި ގައުމީ ސްކޮޑުގައި ހިމަނާފައި ވަނީ 31 ކުޅުންތެރިންނެވެ. ނަމަވެސް މިއަދު ބޭއްވި ޕްރެންސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ތިން ކުޅުންތެރިން ސްކޮޑަށް އިތުރުކޮށްފައިވާ ކަމަށެވެ.
ސުޒޭން ބުނީ ސްކޮޑަށް އިތުރަށް ގެންނަން ޖެހޭ ބަދަލުތަކެއް އޮތްތޯ ބަލައި ފުރަތަމަ ޑިވިޝަންގެ ކޯޗުންގެ މަޝްވަރާ އާއި ހިޔާލު ހޯދާފައިވާ ކަމަށެވެ.
"އަޅުގަންޑުމެން ސްކޮޑު ނެގިއިރު ޖެހިލުމެއް ނުވި ކޯޗުންގެ ހިޔާލާ މަޝްވަރާ ހޯދައިގެން ކުރިއަށް ދާން،" ސުޒޭން ބުންޏެވެ.
ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކައް ނެގި ގައުމީ ސްކޮޑުގައި ޗުމްޕު އާއި އިއްބެ ވަނީ ހިމަނާފައެވެ. ނަމަވެސް އަމިއްލަ ސަބަބަކާ ހުރެ އިއްބެ ވަނީ ސްކޮޑުން ވަކިވެފައެވެ.
ޗުމްޕު ވަނީ ކޮލިފައިން މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ސާފް ޗެމްޕިއަންޝިޕަށް ފުރަތަމަ އިއުލާންކުރި ސްކޮޑުގައި ޗުމްޕު ނެތުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
މިސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރެއިން ދެން ސްކޮޑުން ޖާގަ ނުލިބުނީ އަހުމަދު އަބްދުﷲ (ލިލީ)އަށެވެ. ނަމަވެސް މިފަހަރު އަލުން ލިލީއަށްވެސް މިވަނީ ފުރުސަތު ދީފައެވެ. އެންމެ ފަހުން ގައުމީ ޓީމުގެ ސްކޮޑުގައި ލިލީ ހިމެނުނީ 2017 ވަނަ އަހަރުއެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ޓްރޭނިން ކޭމްޕު ފުރިހަމަ ކުރުމަށް ގައުމީ ޓީމު ގަތަރަށް ފުރާނެއެވެ. ގަތަރުގައި ކުރިއަށް ގެންދާ ކޭމްޕުގައި އެކުވެރި ކަމުގެ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދިވެހި ޓީމު ނިކުންނަނީ މުޅިން ދިވެހި ޓީމަކާއެކުގައެވެ. ކޯޗިން ސްޓާފުންގެ ގޮތުގައި ހިމެނީ ދިވެހި ކޯޗުންނާއި އޮފިޝަލުންނެވެ.
އަމިއްލަ ގައުމުގައި ކުރިއަށް ގެންދާ މުބާރާތައް ގައުމީ ޓީމު ނިކުންނައިރު ރާއްޖެ އަކީ ޑިފެންޑިން ޗެމްޕިއަންއެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕު ކާމިޔާބުކުރީ ރާއްޖެއިންނެވެ.
ނަމަވެސް ފަހަކަށް އައިސް ގައުމީ ޓީމުގެ ފަރާތުން ފެންނަމުންދާ ނަތީޖަތަކަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން ނެރުނު ނަތީޖާތަކުގެ ސަބަބުން އޭރުގެ ކޯޗު މާޓިން ކޫޕްމަންގެ މަގާމު ވަނީ ގެއްލިފައެވެ.