26 Aug 2021, 16:16
ވޮޝިންޓަން (އޮގަސްޓް 25): މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އަފްގާނިސްތާނުން 82،000 މީހުން ބޭރަށް ގެންދެވިއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ވިދާޅުވީ އަފްގާނިސްތާނުގައި މިހާރު އެމެރިކާ ސިފައިން ކުރިޔަށް ގެންދަނީ އެމެރިކާގެ ތާރީހުގައިވެސް ހިންގާފައިވާ ވައިގެ ޓްރާންސްޕޯޓްގެ އެންމެ ބޮޑު އޮޕަރޭޝަންކަމަށާ މި އޮޕަރޭޝަންގައި ފާއިތުވި 12 ދުވަހުގެ ތެރޭގައި 82،000 މީހުން އަފްގާނިސްތާނުން ބޭރަށް ގެންދެވިފައިވާ ކަމުގައެވެ.
މި 82،000 މީހުންގެ ތެރޭގައި އެމެރިކާގެ ޑިޕްލޮމެޓުންނާއި އެމެރިކާގެ އާންމު ރައްޔިތުންނާ އަދި އެމެރިކާއިން އަފްގާނިސްތާނުގައި ހިންގި އަސްކަރީ ހަރަކާތްތަކަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތައް ހިމެނޭކަން ބްލިންކަން ފާހަގަ ކުރެއްވިއެވެ.
އެމެރިކާއިން އަފްގާނިސްތާނުގައި ހިންގި އަސްކަރީ ހަރަކާތްތަކަށް އެހީތެރިވެދިން ފަރާތްތަކާމެދު ތާލިބާނުން ދެކެނީ ގައުމަށް ގައްދާރުވި ހާއިނުންގެ ގޮތުގައެވެ. ތާލިބާނުންގެ ފަރާތުން ބަދަލުހިފުމުގެ ހަމަލާތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އެފަރާތްތަކުން އިހުސާސްކުރި ނަމަވެސް އެ މީހުންނާ ދެކޮޅަށް ހަރުކަށި އެއްވެސް އަމަލެއް މިހާތަނަށް ތާލިބާނުން ހިންގާފައެއް ނުވެއެވެ.
ތާލިބާނުން ކާބުލްއަށް ވަދެގެންފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ އާއި އޭނާގެ އާއިލާވަނީ ގައުމުން ބޭރަށް ފިއްލަވާފައެވެ. އަދި އަފްގާން ސަރުކާރުވެސް ވަނީ ރޫޅިގެން ގޮސްފައެވެ.
އަފްގާނިސްތާނުގެ ރެފިއުޖީން އަލުން ވަޒަންވެރި ކުރުވަން މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ "އެސޯސިއޭޝަން އޮފް ވޯ ޓައިމް އެލައިސް" ލަފާކުރާގޮތުން ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އެމެރިކާއާއި ނޭޓޯއިން އަފްގާނިސްތާނުގައި ހިންގި އަސްކަރީ ހަރަކާތްތަކަށް އެކިގޮތްގޮތުން އެހީތެރިވެފައިވާ އަފްގާން އާންމުންނާއި އެ މީހުންގެ އާއިލާތަކުގެ އަދަދު 250،000 އަށް އަރާނެއެެވެ. އޭގެތެރެއިން މަދުބަޔަކު ނޫނީ އަފްގާނިސްތާނުން ބޭރަށް ގެންދެވިފައި ނުވާކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވިގޮތުގައި ތާލިބާނުންގެ ފަރާތުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިވާނެ ކަމަށް އަންދާޒާ ކުރެވިފައިވަނީ ގާތްގަނޑަކަށް 70،000 މީހުންނަށެވެ. އޭގެތެރޭގައި އެމެރިކާގެ ރައްޔިތުންނާއި ނޭޓޯއަށް ނިސްބަތްވާ ފަރާތްތަކާ އަދި އެމެރިކާއާއި ނޭޓޯއިން އަފްގާނިސްތާނުގައި ހިންގި ހަރަކާތްތަކަށް އެހީތެރިވެދިން މީހުން ހިމެނެއެވެ. މިއެންމެން މިހާރު އަފްގާނިސްތާނުން ބޭރަށް ގެންދެވިފައިކަމަށް ބައިޑެން ވިދާޅުވިއެވެ.
ތާލިބާނުންވަނީ އޮގަސްޓު 31 ވަނަ ދުވަހުގެ ކުރިން އެމެރިކާ ސިފައިންނާ އަދި އެމެރިކާ އަފްގާނިސްތާނުން ބާލަން ބޭނުންވާ ފަރާތްތައް ބާލައި ނިންމުމަށް ގޮވާލާފައެވެ. މީހުން ބޭލުމުގެ ކަންތައް އެ މުއްދަތަށްވުރެ ފަސް ނުކުރެވޭނެކަމަށާ ފަސްކޮށްފިނަމަ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރުވެސް ތާލިބާނުންވަނީ ދީފައެވެ. ތާލިބާނުންގެ މި އިންޒާރަށްފަހު އެމެރިކާގެ ދިފާއީ ވުޒާރާއިންވަނީ އެމެރިކާ ސިފައިންނާ އަދި އެގައުމުން އަފްގާނިސްތާނުން ބާލަން ބޭނުންވާ ފަރާތްތައް ބޭލުމުގެ ކަންތައް އޮގަސްޓު 31 ވަނަ ދުވަހުގެ ކުރިން ނިންމާނެކަމަށް ބުނެފައެވެ.
އަފްގާނިސްތާނުގައި އެމެރިކާ ހިންގާ ވައިގެ ޓްރާންސްޕޯޓް އޮޕަރޭޝަންގައި އެމެރިކާއަށް އެހީތެރިވެދިނުމުގައި ދެކުނު ކޮރެއާ، ގަތަރު ނޭޓޯގެ ގައުމުތައްވެސް ގެންދަނީ އެހީތެރިވަމުންނެވެ.