ޖަމިއްޔަތުއް ސަލަފާއި ޝަހީބް ކޮންސަލްޓެންސީން ގުޅިގެން ބޭއްވި ބޭސިކް ޖާނަލިޒަމް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.

މި މަހު ފަސް ވަނަ ދުވަހުން ފެށިގެން މި މަހު 20ގެ ނިޔަލަށް ކުރިއަށް ގެންދިޔަ 15 ދުވަހުގެ ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުންތައް ހަވާލުކޮށްދިނުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ ކޯހުގެ 21 ބައިވެރިންގެ ތެރެއިން ކޯހުން ފާސްވި 11 ބައިވެރިއަކަށް ވަނީ ސެޓްފިކެޓް ދީފަ އެވެ. އަދި ކޯހުގެ ބައިވެރިންގެ ތެރެއިން 10 ދަރިވަރަކަށް ވަނީ ކޯހުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓް ދީފަ އެވެ.

އެ ކޯހުގެ ބައިވެރިންގެ ތެރެއިން އެއް ވަނަ ލިބުނީ، ކުރީގެ މަޝްހޫރު ލަވަކިއުންތެރިއާ އަދި ފަހުން ސަލަފު ޖަމިއްޔާގެ އިސް ރޯލެއް އަދާ ކުރާ އަލީ ރަމީޒަށް ކަމަށް ޝަހީބް ކޮންސަލްޓަންސީ އިން ބުންޏެވެ.

ނޫސްވެރިކަމުގެ އަސާސީ ބައިތައް ކިޔަވައިދިން އެ ކޯހުގައި އެއްވަނަ ލިބުނު އަލީ ރަމީޒު ބުނީ އެ ކޯހުގައި އޭނާ ބައިވެރިވީ އަބަދުވެސް ނޫސްވެރިކަމުގެ ދާއިރާ އަށް ޝައުގުވެރިކަން ހުންނާތީ އާއި އެކަމުގެ ސަބަބުން ސަލަފުން ހިންގަމުން އަންނަ އޮންލައިން ވެބްސައިޓްގައި މަސައްކަތް ކުރުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

"ނޫސްވެރިކަމަކީ ވެސް ވަކި ގަވާއިދެއްގެ ދަށުން ކުރަން ޖެހޭ ކަމަކަށް ވާތީ އެކަންތައް ދެނެގަނެގެން އެކަންތައް ކުރުން މައިގަނޑު ބޭނުމަކީ،" އަލީ ރަމީޒު ވިދާޅުވި އެވެ.

ޖަމިއްޔަތުއް ސަލަފުން އިސްނައިގެން ބޭއްވި ފުރަތަމަ ޖާނަލިޒަމް ކޯހުގައި ބައިވެރިވިކަމުގެ ސެޓްފިކެޓް ދަރިވަރުންނަށް ދެއްވީ ޖަމްއިއްޔަތުއްސަލަފުގެ ރައީސް އައްޝައިހު އަބްދުﷲ ބިން މުހައްމަދު އިބްރާހީމް އެވެ. ކޯސް ފުރިހަމަކޮށް ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ހަފްލާ ޝަރަފުވެރި ކޮށްދެއްވި މަޑުލު މުހައްދު ވަހީދެވެ.