އަފްގާނިސްތާނުގެ 10 މިލިއަނަށް ވުރެ ގިނަ ކުޑަކުދިންނަށް އިންސާނީ އެހީ ބޭނުންވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް)އިން ބުނެފިއެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ހެންރިއެއްޓާ ފޯ ވިދާޅުވި ގޮތުގައި، ހަށިގަނޑަށް ފައިދާ ހުރި ކާނާ ނުލިބުމުގެ ސަބަބުން މިއަހަރު ތެރޭ ގާތްގަނޑަކަށް އެއް މިލިއަން ކުދިންނަށް ސިވިއާ އެކިއުޓް މަލްނިއުޓްރިޝަން ޖެހި، ފަރުވާ ނުދެވިއްޖެ ނަމަ މަރުވުން އެކަށީގެންވެއެވެ.

"މީ އަފްގާން ކުޑަކުދިން ކުރިމަތިލާން ޖެހޭ ހަގީގަތަކީ. އަދި ސިޔާސީ ނުވަތަ ސަރުކާރަށް އަންނަ ބަދަލަކުން އެކަމަށް ތަފާތެއް ނާންނާނެ. މިއަދު އަފްގާނިސްތާނުގެ 10 މިލިއަން ވަރަކަށް ކުދިންނަށް އިންސާނީ އެހީ ބޭނުންވޭ،" ފޯ ވިދާޅުވިއެވެ.

ފޯ ލަފާ ކުރައްވާ ގޮތުގައި އަފްގާނިސްތާނުގެ 4.2 މިލިއަން ކުދިންނަށް މިހާރު ވަނީ ސްކޫލަށް ދިޔުމުގެ ފުރުސަތު ގެއްލިފައެވެ. އޭގެ ތެރޭގައި 2.2 މިލިއަން އަންހެން ކުދިން ހިމެނެއެވެ.

މީގެ އިތުރުން އަފްގާނިސްތާނުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ 2،000 މައްސަލައެއް މި އަހަރު ތެރޭ ފާހަގަ ކުރެވިފައިވާ ކަމަށް ޔުނިސެފުން ބުންޏެވެ. އަދި 435،000އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން މަގުމަތިވެފައިވެއެވެ.

ޔުނިސެފުން ބުނި ގޮތުގައި އަފްގާނިސްތާނުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ ނަމަވެސް، އެ ޖަމިއްޔާގެ މެމްބަރުން އެގައުމުގައި ހަރަކާތްތެރިވެ، އެހީ ފޯރުކޮށްދެމުން ދާނެއެވެ.