ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކުރެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހާއި ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެކަމާ ގުޅޭގޮތުން މިހާރު ރައީސް ސޯލިހާ ބައްދަލުކޮށް، ރައީސް ސޯލިހު ވިދާޅުވި ވާހަކަފުޅުތަކުގެ އަލީގައި، މިހާރު ރައީސް ނަޝީދާވެސް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި އެކަމުގައި ރައީސް ނަޝީދުގެ ހިޔާލު ހުންވިގޮތާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

"އެހެންވީމަ އެ ދެބޭފުޅުންނާވެސް، އަޅުގަނޑު މިހާރު އެއްފަހަރު ދެން ބައްދަލު ކުރެވުނީ ކަމަށް އަޅުގަނޑު ދެކޭނީ. އެހެންވީމަ އެ މަސައްކަތަށް އަޅުގަނޑަށް ފެންނަ ގޮތުގަވިއްޔާ ހައްލުތަކެއް ލިބިގެންދާނެ،" ހަސަން ލަތީފު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ ރައީސް އޮފީސް

ހަސަން ލަތީފު ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި ވާހަކަ ނުދެއްކޭނެ ވަރުގެ އަދި އެއްބަސްނުވެވޭނެ ވަރުގެ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުންނާނެކަމަށް އެމްޑީޕީގެ އެއްވެސް ބޭފުޅަކު ގަބޫލުނުކުރާ ކަމަށެވެ.

"އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން [ހިޔާލު ތަފާތުވުންތައް ހައްލު] ކުރާނަން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ދެ ރައީސުންގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތައް ހައްލުކުރެވޭނެ ކަަމަށް ހަސަން ލަތީފު ވިދާޅުވެފައި މިވަނީ، ސިޔާސީ ގޮތުން އިތުރަށް ރައީސް ސޯލިހާއެކު މަސައްކަތް ކުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އެހީ ހޯއްދަވާނެ ކަަމަށް ވިދާޅުވެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައި މިހާރު ވަނީ ޕެޓިޝަނެއްވެސް ފަށާފައެވެ.