26 Aug 2021, 12:08
މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ، ބްރިޖު އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ ލިމިޓެޑާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުންނެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހޮޓެލް ޖެންގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އިންޑީއާގެ އެފްކޮންސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރެވެ.

ތިލަމާލެ ބްރިޖް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެެއިން--- ސަން ފޮޓޯ/ފަޔާޒު މޫސާ
ތިލަމާލެ ބްރިޖު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އެ މަޝްރޫއުގެ މަސައްކަތް ނިމޭއިރު ހުންނާނެ ގޮތުގެ ފޮޓޯތައްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.
އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.
އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.