އެމެރިކާގެ އަސްކަރީ ފްލައިޓަކަށް މިދިޔަ ހޮނިހިރު ދުވަހު ވިހެއި އަފްގާނިސްތާނުގެ އަންހެން ކުއްޖާއަށް އެ ފްލައިޓާ ގުޅޭ ނަމެއް ދީފިއެވެ.

އެެމެރިކާގެ އަސްކަރިއްޔާގެ ފްލައިޓް ސީ-17ގައި އަފްގާން އަންހެނަކު ވިހެއީ، ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއަށް އެރި ފަހުން، އެމެރިކާ ސިފައިންގެ އެހީގައި ޖަރުމަނަށް ދަތުރު ކުރަނިކޮށެވެ.

އެމެރިކާ ސިފައިންގެ މެޑިކަލް އޮފިޝަލުންގެ އެހީގައި އެ އަންހެން މީހާ ވިހެއީ ފްލައިޓުގެ ކާގޯ ބޭއަށެވެ. އަދި އެ ކުއްޖާ އާއި އާއިލާގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ސިފައިން ބުންޏެވެ.

އޭގެ ފަހުން އެ ކުއްޖާއަށް ނަން ދީފައި ވަނީ ފްލައިޓް ސީ-17ގެ ކޯލް ސައިނާ ގުޅުވާފައެވެ. ކޯލް ސައިން އަކީ ތަފާތު ބޯޓުތައް ފާހަގަ ކުރަން ދީފައިވާ އަކުރާއި ނަމްބަރުތަކެވެ.

އެމެރިކާގެ ސިފައިން ބުނި ގޮތުގައި ފްލައިޓް ސީ-17ގެ ކޯލް ސައިންއަކީ "ރީޗް 828" އެވެ. އަދި ކުއްޖާއަށް ދީފައިވާ ނަމަވީ ރީޗްއެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަން އަތުލި ފަހުން އެގައުމުން ފުރައިގެން ދިޔަ އިތުރު ދެ އަންހެނަކުވެސް ޖަރުމަނުގައި ހުންނަ ޔޫއެސް މިލިޓަރީ ހޮސްޕިޓަލުގައި ވިހާފައިވެއެވެ.