23 Feb 2012, 10:22
އަންނަ މާޗް މަހުގެ އަށަކުން 19 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިޔަށް ދާ އޭއެފްސީ ޗެލެންޖް ކަޕްގެ އެކްސްކްލޫސިވް އޯޑިއޯ ރައިޓްސް ސަން އެފްއެމްއަށް ލިބިއްޖެ އެވެ. މި ރައިޓްސް ލިބުމާ ގުޅިގެން މި މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ވަގުތުން ގެނެސްދޭން ސަން އެފްއެމް އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ސަން މީޑިއާގެ ފަރާތުން މިއަދު ވިދާޅުވީ ޗެލެންޖް ކަޕުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތައް ސަން އެފްއެމް އިން ވަގުތުން ގެނެސްދިނުމުގެ އިތުރުން، އެ މެޗުތައް ސަން އޮންލައިނުން ވަގުތުން ވެބްކާސްޓް ކުރާނެ ކަމަށާއި މެޗުގެ ލައިވް ކޮމެންޓަރީ ވެސް އޮންލައިންކޮށް އަޑު އެހޭނެ ކަމަށެވެ.
ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު އަފްޒަލް ވިދާޅުވީ ޗެލެންޖް ކަމަޕަށް ޚާއްސަ ވެބް ޕޭޖެއް ވެސް ވަރަށް އަވަހަށް ސަން އޮންލައިންގައި ތައާރަފު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
"އެ ޕޭޖުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން. މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ މައުލޫމާތާއި މެޗު ތާވަލް ތައް ފަދަ މުބާރާތާ ގުޅޭ މުހިންމު ބައިތައް މި ސަފުހާގައި ހިމެނޭނެ،" އަފްޒަލް ވިދާޅުވި އެވެ.
ސަން އެފްއެމްގެ ސްޓޭޝަން މެނޭޖަރު އަލީ ޝިމްރީ ވިދާޅުވީ މުބާރާތުގެ ކައުންޓްޑައުން ޝޯތަކެއް މި ހަފުތާގެ ތެރޭގައި ސަން އެފްއެމްއިން ވެސް ފަށާނެ ކަމަށެވެ. މި ޝޯ ތަކުގައި ވެސް މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ޝޯ ތަކުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ އެނަލިސްޓުން ބައިވެރިވާނެ ކަމަށް ވެސް ޝިމްރީ ވިދާޅުވި އެވެ.