26 Aug 2021, 13:41
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމުގެ ފުރުސަތު މެންޗެސްޓާ ސިޓީއަށް ލިބިފައިވީ ނަމަވެސް އެކްލަބުން ބޭނުން ވަނީ އޭނާ ހިލޭ ޓްރާންސްފާއެއްގައި ގެންދަންކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
އުމުރުން 36 އަހަރުގެ ފޯވާޑްގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އެހެން ކަމުން ޔުވެންޓަސްއިން ބޭނުން ވަނީ މިޓްރާންސްފާ ބާޒާރުގައި އޭނާ ދޫކޮށްލުމަށެވެ. ސިޓީއިން ރޮނާލްޑޯ ސޮއި ކުރުމަށް ޝައުގުވެރިވި ނަމަވެސް ޔުވެންޓަސްއިން ބޭނުންވާ 25 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީ ދެއްކުމަށް އެކްލަބުން ބޭނުމެއް ނުވެއެވެ.
ސިޓީއިން ބޭނުން ވަނީ ހިލޭ ޓްރާންސްފާއެއްގައި އަންނަ އަހަރު ރޮނާލްޑޯ ސޮއި ކުރާށެވެ. ރޮނާލްޑޯއަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށައެޅުމަށް ސިޓީއިން އޮތީ ތައްޔާރަށެވެ.
އެގޮތުން ސިޓީއިން ނިންމާފައި ވަނީ އަހަރަކު 12.8 މިލިއަން ޕައުންޑުގެ މުސާރައެއް ރޮނާލްޑޯއަށް ހުށައެޅުމަށެވެ. ސިޓީގެ ވާދަވެރި ޔުނައިޓެޑަށް ކުރިން ކުޅެފައިވާ ރޮނާލްޑޯ ވަނީ ޔުނައިޓެޑުގައި ކުޅުންއިރު މޮޅު ކުޅުމެއް ދައްކައި ވިދާލާފައެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް 292 މެޗު ކުޅެ 118 ގޯލު ޖަހާފައެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާގެ ސްކޮޑާ މެދު ހުރީ ހިތް ހަމަޖެހިފައެވެ. މި ޓްރާންސްފާގައި ސިޓީއިން ވަނީ އިނގިރޭސި ރެކޯޑް ޓްރާންސާ މުގުރާލުމަށްފަހު ޖެކް ގްރީލިޝް ސޮއިކޮށްފައެވެ. ސިޓީއިން މި ޓްރާންސްފާގައި ގްރީލިޝްގެ އިތުރުން ވަނީ ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންގެ ސޮއި ހޯދުމަށް 100 މިލިއަން ޕައުންޑުގެ އަގެއް ހުށައަޅާފައެވެ. ނަމަވެސް ޓޮޓެންހަމްއިން ވަނީ ކޭން ވިއްކާލަން ދެކޮޅު ހަދާފައެވެ.