ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ތެރެއިން، އަންދަން ޖެހޭ ހަށިތަކަށް ފިލާ ސަންދޯކުގެ ބަދަލުގައި ބޯކަރުދާސް ފޮށިން ހަދާފައިވާ ސަންދޯއް ބޭނުން ކުރާ މިންވަރު އިތުރުވެއްޖެއެވެ.

ލަންކާގެ ދެހިވަލާގެ މުނިސިޕަލް ކައުންސިލްގެ މެމްބަރެއް ކަމަށްވާ ޕްރިޔަންތަ ސަހަބަންދު ވިދާޅުވީ ސަންދޯއް ހަދަނީ ކުރިން ބޭނުންކޮށްފައިވާ ކަރުދާހުން ކަމަށެވެ. އަދި ފިލާ ސަންދޯކުގެ އަގު 30،000 ރުޕީސް (150 ޑޮލަރު)އަށް އަރާ އިރު ކަރުދާސް ސަންދޯކުގެ އަގު އުޅެނީ 4،500 ރުޕީސް (23 ޑޮލަރު)ގައެވެ.

އެ ސަންދޯކަށް 100 ކިލޯ ބަރު ކުރެވެއެވެ. އަދި އެކަހަލަ ސަންދޯއް ފުރަތަމަ ބޭނުން ކުރީ ކޮވިޑް ޖެހިގެން މަރުވާ މީހުންނަށް ކަމަށްވީ ނަމަވެސް ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ އެކްޓިވިސްޓުންގެ ސަމާލުކަން މިހާރު އެއަށް ލިބިފައިވާ ކަމަށް ސަހަބަންދު ވިދާޅުވިއެވެ.

ސްރީލަންކާއިން ސަންދޯއް ޖަހަން ކަރުދާސް ފޮށީގެ ބައިތައް ތައްޔާރު ކުރަނީ -- ފޮޓޯ: ރޮއިޓާސް

"448 ސަންދޯއް ހެދުމަށް 250 އާއި 300އާ ދެމެދުގެ އަދަދަކަށް ގަސް ކަނޑަން ޖެހޭ. އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް [މުނިސިޕަލް] ކައުންސިލްގެ ހެލްތު ކޮމިޓީއަށް އަޅުގަނޑު ހުށަހެޅި ކޮންސެޕްޓެއްމީ،" ސަހަބަންދު ވިދާޅުވިއެވެ.

މީގެ އިތުރުން، ފިލާ ސަންދޯކުގެ އަގު ބޮޑުވުމުންނާއި ކޮވިޑާ ހެދި ލިބުނު މާލީ ގެއްލުމުގެ ސަބަބުން، ގިނަ އާއިލާތަކުން މިހާރު ގަންނަން ބޭނުން ވަނީ އަގު ހެޔޮ ސަންދޯއްކަން ސަހަބަންދު ފާހަގަ ކުރެއްވިއެވެ.

ދެހިވަލާގައި ހުންނަ، ކަރުދާސް ސަންދޯއް ޖަހާ ފެކްޓަރީން މިދިޔަ އަހަރު ތެރޭ 350 ވަރަކަށް ސަންދޯއް ވިއްކާފައިވެއެވެ. އަދި މިހާރުވެސް އެ ފެކްޓަރީން ދަނީ ކައުންސިލްގެ އޯޑަރަކަށް 150 ސަންދޯއް ތައްޔާރު ކުރަމުން ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.