އައްޑޫ ސިޓީގައި ހުރި ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް 150 އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި އިއްޔެ އެކަނިވެސް އަލަށް 12 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިވަގުތުވެސް ކޮވިޑުގެ 169 އެކްޓިވް ކޭސް އެބައޮތެވެ.

ކަރަންޓީނުގައި ނެތް މީހަކު އައްޑޫ ސިޓީ ހުޅުދޫއިން ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އައްޑޫ ސިޓީ އަދިވެސް މޮނިޓަރިންނަށް ލައިފައެއް ނުވެއެވެ.

މިކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ ފަރާތުން ވަކި އެއްޗެއް ހާމަނުކުރިނަމަވެސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ރަށް މޮނިޓަރިންއަށް ލަނީ ރަށުގެ އެކްޓިވް ކޭސްތަކަށް ބަލައިގެން ނޫން ކަމަށެވެ. އެހެންނަމަވެސް ރަށް މޮނިޓަރިންއަށް ލުމުގައި ބަލަނީ "އިންޑިޕެންޑެންޓް" ކޮށް ޕޮޒިޓިވްވާ ކޭސްތަކަށް ކަމަށާއި އަދި އެމީހެއްގެ "މޫވްމަންޓަށް" ބަލާފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނިގޮތުގައި މިހާރު ރަށުތެރެއިން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ވަނީ ހުއްޓާލާފައެވެ. އަދި މިވަގުތު ޓެސްޓު ކުރަމުންދަނީ ކަރަންޓީނުގައި ތިބި ފަރާތްތަކާއި ދަތުރު ކުރާ ފަރާތްތައް އެކަނި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. މިގޮތަށް އެ ހޮސްޕިޓަލުން އަމަލުކުރަން ނިންމި ސަބަބެއް ސާފުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެހެންނަމަވެސް އެޗްޕީއޭއިން ވަނީ އައްޑޫ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލުމަށް އިކުއެޓޯރިއަލް ހޮސްޕިޓަލަށް އަންގާފައި ނުވާކަމަށް ބުނެފައެވެ. އަދި ވަކި އުސޫލެއްގެ ދަށުން އެ މަސައްކަތް ކުރިއަށްގެންދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ޖެހިގެން އައްޑޫއިން މިހާތަނަށް ތިން މީހުން މަރުވެފައިވާއިރު، މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެކަކަށް ފަރުވާދެމުންދާ ކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.