ޤާހިރާ (ފެބްރުއަރީ 23): ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން މަޤާމުން އިސްތިއުފާދެއްވި މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ މައްޗަށް ކުރެވިފައިވާ ދަޢްވާތަކުގެ ޙުކުމް އިއްވާނީ އަންނަ ޖޫންމަހުގައި ކަމަށް ޤާހިރާގެ ޖިނާއީ ކޯޓުން ބުނެފި އެވެ.

އެކޯޓުން ބުނީ މުބާރަކްގެ އިތުރުން އޭނާގެ ދެދަރިންނާއި އޭރުގެ ދާޚިލީ ވަޒީރު ޙަބީބުލްޢާދިލީއާއި އާދިލީގެ ހަ އެހީތެރިއަކާއި ފިއްލަވައިގެން އުޅުއްވާ ވިޔަފާރިވެރިއެއް ކަމަށްވާ ޙުސައިން ސާލިމްގެ މައްޗަށް މިދިޔަ އަހަރުން ފެށިގެން ކުރިޔަށްދާ ޝަރީޢަތުގެ ޙުކުމް އިއްވުމަށް ފަނޑިޔާރުން ނިންމަވާފައި ވަނީ އަންނަ ޖޫންމަހުގެ ތެރޭގައި ކަމުގައެވެ.
ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން މަޤާމުން އިސްތިއުފާދެއްވި މުބާރަކްގެ މައްޗަށް ދަޢްވާކޮށްފައިވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް ނުކުތްމީހުންގެ ތެރެއިން އެތަށް ސަތޭކަ ބަޔަކު މެރުމާއި މިސްރުގެ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ނާޖާއިޒު ކަންތައްތައް ކުރެއްވުމެވެ.

މިކަން ސާބިތުވެއްޖެ ނަމަ ދަންޖައްސައި މެރުމުގެ ޙުކުމެއް މުބާރަކްގެ މައްޗަށް އަތުވެދާނެ ކަމަށް ޤާނޫނީ މާހިރުން ބުނެއެވެ. މުބާރަކްގެ ދެދަރިންނާއި އޭރުގެ ދާޚިލީ ވަޒީރު ޙަބީބުލްޢާދިލީއާއި އާދިލީގެ ހަ އެހީތެރިއަކާއި ފިއްލަވައިގެން އުޅުއްވާ ވިޔަފާރިވެރިއެއް ކަމަށްވާ ޙުސައިން ސާލިމްގެ މައްޗަށް ކުރެވިފައިވަނީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ނާޖާއިޒު ކަންތައްތައް ކުރެއްވުމުގެ ދަޢްވާއެވެ.

މީގެއިތުރުން ޢާދިލީއާއި އޭނާގެ އެހީތެރިންގެ މައްޗަށް ވެރިކަމާ ދެކޮޅަށް ނުކުތްމީހުންގެ ތެރެއިން އެތަށް ސަތޭކަ ބަޔަކު މެރުމުގައި ބައިވެރިވާ ކަމުގެ ދަޢްވާވެސް އުފުލިފައިވެއެވެ. މިކަންތައްތައް ސާބިތުވެއްޖެނަމަ ޢާދިލީއާއި އޭނާގެ އެހީތެރިންގެ މައްޗަށްވެސް މަރުގެ ޙުކުމް އަންނާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ދެކެއެވެ. (އަލްޖަޒީރާ)