ސާފް ޗެމްޕިއަންޝިޕު މުބާރާތައް ތައްޔާރުވުމުގެ ގޮތުން ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ގަތަރުގައި ކޭޕް ކުރަން ނިންމައިފިއެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމާއި ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު އަލީ ސުޒެއިން ބުނީ މިވަގުތު ނަގާފައި އޮތް ގައުމީ ސްކޮޑާ އެކު ޓްރެއިނިންގް ކޭމްޕެއް ކުރުމަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު ޓީމު ގަތަރަށް ފުރާނެ ކަމަށެވެ.

ގަތަރުގައި ގައުމީ ޓީމުން ހަތަރު މެޗުން ކުޅެން ވަނީ ހަމަޖެހިފައެވެ. ގަތަރަށް ފުރާ ސްކޮޑުގައި 34 ކުޅުންތެރިން ހިމެނެއެވެ.

މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީގެ އަނިޔާގެ އިތުރު މައުލޫމާތެއް ލިބެންދެން ސަމޫހު ވަނީ ގައުމީ ސްކޮޑުގައި ހިމަނާފައެވެ. ސަމޫހުގެ އިތުރުން ދެން ސްކޮޑުގައި ހިމަނާފައި ވަނީ އަލީ ހައިޝަމް (ޗުމްޕު)، އަހުމަދު އަބްދުﷲ (ލިލީ) އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ)އެވެ.

ސުޒެއިން ބުނީ ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލި ފުރަތަމަ ޑިވިޝަންގެ ކޯޗުންގެ ބައިވެރިވުމާ މަޝްވަރާގެ މަތިން ކަމަށެވެ.

"އިތުރަށް ސްކޮޑަށް ގެންނަން އޮތް ބަދަލެއް އޮތްތޯ ބެލިން. އަޅުގަނޑުމެން ސްކޮޑު ނެގިއިރު ޖެހިލުމެއް ނުވި ހިޔާލު ހޯދައިގެން ކުރިއަށް ދާން،" ސުޒެއިން ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސުޒެއިން ބުނީ މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ނިކުންނަނީ ދިވެހިންގެ މައްޗަށް އެކުލެވޭ ކޯޗިން ޓީމަކާއެކު ކަމަށާއި ހުރިހާ ސަޕޯޓަރުންނާ މީޑިއާތަކުގެ ފުރިހަމަ އެއްބާރުލުން ގައުމީ ޓީމަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ގަތަރުގެ ކޭމްޕްކުރުން ލަސްވެފައިވާ ކަމަށް ގަބޫލުކުރާތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސުޒެއިން ބުނީ ކޭޕް ލަސްނޫން ކަމަށާއި ފުރާ ތާރީހު ކަނޑައެޅީ އެފްއޭއެމްގެ އޮފިޝަލުންނާ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން މަޝްވަރާއާ އެކުގައި ކަމަށެވެ.

މާލޭގައި ޓީމުގެ ކޭމްޕްކޮށްގެން ދަތިތަކެއް ދިމާވާނެ ކަމަށްވެސް ސުޒެއިން ބުންޏެވެ.

"މިދަނޑުގައި ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ސާފްއަށް ތައްޔާރު ވާން. އެހެންވެ މާލޭގައި ކޭމްޕު ކޮށްގެން ވަރަށް އުނދަގޫ ވާނެ،" ސުޒެއިން ބުންޏެވެ.

ކޭމްޕުގެ އެންމެ ބޮޑު ބޭނުމަކީ ޓީމު ބިނާކޮށް ކުޅުންތެރިންގެ ފިޓްނެސް ރަނގަޅު ކުރުން ކަމުގައި ސުޒެއިން ބުންޏެވެ. ކޮމްބިނޭޝަން އަދި ޓެކްޓިކްސްއަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމުގައި ސުޒެއިން ބުންޏެވެ.