25 Aug 2021, 20:57
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިސްތިއުނާފްކުރަން ހުށަހަޅާފައިވީ ނަމަވެސް ޖޫރިމަނާ ދައްކަން ޖެހޭނެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރުމުން "އޮޓަމެޓިކުން" ފަސްކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.
"ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށްފަހު އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައި،" އެ އޮފީހުން ބުންޏެވެ.
ހަމައެއާއެކު އެ އޮފީހުން ބުނީ ޖޫރިމަނާ ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުގައި އޮތް މި މައްސަލައިގެ އިސްތިއުނާފަށް އެޅޭނެ ހުރަހެއް ނެތްކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް އެދި އެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް، އެހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އެ ކޯޓުން ނެރެފައިވާ ނުވާކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު، ޔާމީންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިއަދު ވަނީ ވިދާޅުވެފައެވެ.