ބާރު ސްޕީޓްގައި ދުއްވާފައި އައިސް ޓްރެފިކް ފުލުހެއްގެ ގައިގާ ކާރަކުން ޖެއްސި މީހެއްގެ ޑްރައިވިން ލައިސަންސް އެއްއަހަރަށް ހިފެހެއްޓުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށުގެ ދައުވާ ސާބިތުވެ އެއް އަހަރަށް ލައިސަންސް ހިފަހައްޓާފައި ވަނީ ބ. އޭދަފުށީ ވާރިޔާ އަހުމަދު ޝަހީމްގެ ލައިސަންސެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްސަލަ ފުރަތަމަ ހުށަހެޅީ އޭދަފުށީ ކޯޓަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރުމުން، ހައިކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު އާއި އައްބާސް ޝަރީފް އަދި އަބްދުލް ޣަނީ މުހައްމަދު ސޮއިކުރައްވައި މިދިޔަ އަންގާރަ ދުވަހު އިއްވެވި ހުކުމުގައި ވަނީ އޭދަފުށީ ކޯޓުގެ ހުކުމް ބާތިލުކުރައްވާފަ އެވެ.

އެ ހުކުމް ބާތިލުކުރައްވާ ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިދާ ފަދަ ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ދުށްވުމުގެ ކުށުން ޝަހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ނ)ގެ ދަށުން ޝަހީމްގެ ލައިސަންސް އެއް އަހަރަށް ހިފެހެއްޓުމަށް ހުކުމްކުރީ ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރީ ސެޕްޓެމްބަރު 10، 2008 ވީ ދުވަހުގެ ހަވީރު 17:30 އެހާކަންހާ އިރު ކާރެއްގައި އޭދަފުށީ އުތުރުފަރާތު އަތިރިމަތިން އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ކާރު ދުއްވާފައި އައިސް، އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުސްމީހާ ގައިގައި ކާރުން ޖައްސާފައިވާތީ އެވެ.