ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވެއިތްގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

މިނިސްޓްރީއޮފް އެޑިއުކޭޝަނުން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.

އިނގިރޭސި މީޑިއަމްއަށް ކިޔަވައިދޭން ހަމަޖެހިފައިވާ މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެއެވެ. މި ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭން ހަަމަޖެހިފައި ވެއެވެ.

ހުޅުމާލޭ ފޭސް 1ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން އަންނަ ދިރާސީ އަހަރު ފެށޭއިރު ސްކޫލްގެ ފުރަތަމަ ފިޔަވަހީގައި ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށާއި ދެވަނަ ފިޔަވަހީގައިގައި 2023ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެ ކަމަށް އަލްޖެރީ ހޯލްޑިން ގްރޫޕުން ބުންޏެވެ.

ގާތްގަނޑަކަށް 1200 ދަރިވަރުންނަށް މި ސްކޫލްގައި ކިޔެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެއެވެ.

ސްކޫލް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. މި އިމާރާތް ކުންފުންޏަކާ ހަވާލު ކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށް އެބަ ގެންދެއެވެ.

އަލްޖެރީ ހޯލްޑިން ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގައެވެ. އަދި މި ކުންފުނީގެ ޗެއާމަން ޠަލާލް ހަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަޚްސިއްޔަތެކެވެ.