ސްޓެލްކޯ ކައިރި އުޅޭ މީހުން ދިރިއުޅެން އެހެން ތަނެއް ހަމަޖައްސައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، ސްޓެލްކޯ ސަރަހައްދުގައި އުޅޭ ފަރާތްތަކުން 13 އަހަރުވަންދެން ދަތި އުނދަގޫތަކެއް ތަހައްމަލުކޮށްފައިވާކަމަށާއި، އެ ގޭގޭގައި މިހާރު އެއްގޮތަކަށްވެސް އުޅެވެން ނެތްކަމަށް އެ ފަރާތްތަކުން ފާހަގަކުރިކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިކަމާ ގުޅޭގޮތުން މިއަދު ކައުންސިލް ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިން. މިކަމާ ގުޅޭގޮތުން ބައެއް ނިންމުންތައް އަޅުގަނޑުމެން ވާނީ ނިންމާފަ،"

"އޭގެ ތެރެއިން އެއް ނިންމުމަކީ، މާލެ ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި ސްޓެލްކޯގެ އެ އިންޖީނުގެ ނޫނީ ޖަނަރޭޓަރުތައް ހުރި ހިސާބުގެ ސަބަބުން އުނދަގޫ ކުރިމަތިވެފައިވާ ގެތަކަށް، އެ ގޯތިތަކުގެ ބަދަލުގައި އެފަރާތްތަކަށް މާލޭގެ ނޫނީ ހުޅުމާލޭގެ ސަރަހައްދަކުން ގޯތި ދޭންޖެހޭކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނު ބުނާގޮތުން ބިމާބެހޭ ކަންކަމުގައި އެންމެމަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާއަށްވާތީ، އެކަން ކައުންސިލްގެ ފަރާތުން ރައީސްއަށް ހުށަހަޅަން ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އިންޖީނުގެ ސަރަހައްދު ހުރީ ގާނޫނުގައި ބުނާ ވަރަށްވުރެ މީހުން ދިރިއުޅޭ ގެތަކާ ކައިރީގައިކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ސްޓެލްކޯ އިންޖީނުގެ ބޮޑުކުރުމުގެ ސަބަބުން މިހާރު ރައްޔިތުން ދިރިއުޅޭ ހިސާބާ ވަރަށް ކައިރިވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ކައިރީގައި ހުރި ގެތައްވެސް ހުރީ 15 ވަރަކަށް ފޫޓް ދުރުގައިކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ އެހާ ކައިރީގައި އިންޖީނުގެ ހުރުމުން، އެފަރާތްތަކަށް ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން އަދި އެހެން ގިނަ ގޮތްގޮތުން ގެއްލުންވަމުންދާކަމަށެވެ.

އެތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ހިސާބެއް ނޫންކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އާއިލާތަކުން އެދިފައިވާ ގޮތަށް ކަންތައްކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.