23 Feb 2012, 09:35
ދިމިޝްޤް (ފެބްރުއަރީ 23): ސޫރިޔާ ސިފައިން އެ ޤައުމުގެ ރަށެއްކަމަށްވާ ޙިމްސް އަށް އިއްޔެ ދިން ޙަމަލާތަކެއްގައި 60 މީހަކާއި ބޭރުގެ ދެ ނޫސްވެރިއަކު މަރުވެއްޖެވެ.
ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތައް ބުނި ގޮތުގައި އެ އެންމެންމަރުވީ ޙިމްސްގެ ބާބާ ޢަމްރު އަވަށަށް ސަލާމަތީ ބާރުތަކާއި ސަރުކާރަށް ތާއީދުކުރާ ޝައްބީޙާ މިލީޝިޔާ އިން ބަރުހަތިޔާރުން ދިން ޙަމަލާތަކެއްގަ އެވެ.
މިޙަމަލާތަކުގެ އިތުރުން ސޫރިޔާގެ އެހެން ބައެއް ސަރަޙައްދުތަކަށް ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި އިތުރު 32 މީހަކާ އެކު ބޭރުގެ ދެ ނޫސްވެރިންގެ އިތުރުން ޖުމްލަ 92 މީހަކު އިއްޔެ މަރާލެވިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މަރާލެވުނު ބޭރުގެ ދެ ނޫސްވެރިންގެ ތެރެއިން އެކަކީ ފަރަންސޭސި ފޮޓޯގްރާފަރެއް ކަމަށްވާ ރިމީ އޮޓްލިކް އެވެ. އަނެކަކީ އެމެރިކާގެ އަންހެން ނޫސްވެރިއެއް ކަމަށްވާ މޭރީ ކޮލްފިން އެވެ.
ކޮލްފިންއަކީ ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ކަވަރ ކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ވާތްފަރާތުގެ ލޯ ގެއްލިފައިވާ މީހެކެވެ. މި ދެނޫސްވެރިން މަރުވި މައްސަލާގައި ހުޅަނގުގެ ބައެއް ފަރާތްތަކުން ވަނީ ސޫރިޔާ ސަރުކާރު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ޚާއްސަކޮށް ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ވަނީ ސޫރިޔާގެ ރައީސް ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލެންޑްވަނީ މިއީ ސޫރިޔާ ސަރުކާރުގެ އަނިޔާވެރިކަން ދައްކައިދޭ މިސާލެއްކަމަށް ސިފަކުރައްވައިފަ އެވެ.
ނޫސްވެރިން މަރުވި މައްސަލާގައި ސޫރިޔާ ސަރުކާރުން ބުނީ ޙިމްސްގައި ކުރިމަތިލުންތައް ހިނގަމުންދާ ސަރަޙައްދަށް އެ ދެ މީހުން ވަދެގެން އުޅުނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައިގެން ނޫން ކަމަށާއި އެ މީހުންގެ ޙިމާޔަތަށް މަސައްކަތްކުރަން ނޭންގުނީ މިކަމުގެ ސަބަބުން ކަމުގަ އެވެ. ސޫރިޔާގެ އިންފޮމޭޝަން މިނިސްޓްރީގެ މަސްއޫލުވެރިއަކު ވަނީ އެމެރިކާއަކީ ނޫސްވެރިން މަރާ ޤައުމެއް ކަމަށް ސިފަކުރައްވައި އިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކުގައި އެމެރިކާ ސިފައިން ގިނަ ޢަދަދެއްގެ ނޫސްވެރިން މަރާލާފައިވާ މައްސަލަ ފާހަގަކޮށްފަ އެވެ. (އަލްޢާލަމް+އަލްޖަޒީރާ)