15 Jul 2010, 10:54
14:30
މާލެތެރޭ ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަ ކުޑަކުއްޖަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންނަކީ ރޭ މާލެތެރޭ ހަމަނުޖެހުން ހިންގައި ތަންތަނަށް ގާއުކާ ފުލުހުންގެ އަމުރަށް ކިޔަމަންނުވި މީހުން ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ގޭ ދޮށަށް ރޭ އެއްވެ މުޒާހަރާ ކުރަމުންދިޔަ މީހުންގެ މުޒާހަރާ ރޫޅާލަން ފުލުހުން ކަރުނަ ގޭސް ބޭނުންކުރީ ސުލްހަވެރި ކަމާއެކު މުޒާހަރާ ރޫޅާލަން ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުން ކަމަށެވެ. އަދި އެސަރަހައްދަށް ކަރުނަ ގޭސް ޖެހުމާއި ގުޅިގެން ކައިރި ހިސާބުތަކުގެ ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ވެފައިވާ ކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ރަސްމީކޮށް އެމައްސަލަ އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ނުވަ ފުލުހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. އަދި އެއް ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ރޭ ގެ މުޒާހަރާގައި ހަރަކާތްތެރިވި ފުލުހެއްގެ ބޮލުގައި މީހަކު ވަނީ އެއްޗަކުން ޖަހާ ބޯ ފަޅާލާފަ އެވެ.