25 Aug 2021, 16:38
ހުޅުމާލޭގައި ޑްރައިވިން ޓްރެކްއެއް އަޅަން ބޭނުންވާ ތަކެތި، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ހަދިޔާކޮށްފިއެވެ. ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް އަޅަން ބޭނުންވާ މި ތަކެތީގެ އަގު، މިލިއަނަކަށްވުރެ މައްޗަށް އަރާނެކަމަށް އެމްޑަބްލިޔުއެސްސީއިން ލަފާކުރެއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވަން ލައިސަންސް ޓެސްޓް ހެދުމަށްޓަކައި ހަދިޔާކުރި މި ތަކެއްޗަކީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. މި ތަކެތި އެ ކުންފުނީގެ ފަރާތުން މިނިސްޓްރީއަށް ހަދިޔާ ކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މިނިސްޓްރީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެތަކެތި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. މިރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކުރެވޭ ޑްރައިވިން ޓްރެކްއަކީ ވަރަށް ގިނަ ރައްޔިތުންނާއި ގުޅިފައިވާ ކަމެއްކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީއިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ނަހުލާ ވަނީ އެ ކުންފުންޏަށް ޝުކުރު ދަންނަވާފައެވެ.
މި ތަކެއްޗަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ޓެސްޓް ހަދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ހަދިޔާކުރެވުނު ތަކެތި ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ޑްރައިވިން ސްކޫލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް އެކަށީގެންވާ ޖާގައެއް ނެތުމެވެ. މިފަދަ ޓްރެކަކާއެކު ލައިސަންސް ދިނުމަށްޓަކައި ޓެސްޓް ކުރިޔަށް ގެންދިޔުމަށް ރަނގަޅު މާހައުލެއް ލިބި، ޑްރައިވިން ޓްރެކްގެ ބޭނުން ހިފާ ފަރާތްތަކަށް ފަސޭހަކަން ލިބިގެން ދާނެއެވެ.