މިދިޔަ ޖޫން މަހު ހުޅުމާލެ ފޭސް ދޭއްގައި މަރާލައިފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދައުވާ ކުރާ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާންގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ޒިހާންގެ މައްޗަށް ކޮށްފައިވާ 13 ދައުވާގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ 11:00 ޖަހާއިރަށެވެ.

ޒިހާން ގެ މައްޗަށް އުފުލަން ނިންމާފައިވާ ދައުވާތައް:

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ.

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން
  • ގަސްތުގައި އަތްލުމުގެ ފަސް ދައުވާ.
  • ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ.
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ.
  • ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ.
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ.
  • ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ.

މާދަމާ ތާވަލް ކޮށްފައިވަނީ 13 އަހަރުގެ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެވެ.

މިދައުވާތަކުގެ އިތުރުންވެސް އެހެން ދެ ދައުވާއެއް ޒިހާންގެ މައްޗަށް ކުރަން ނިންމާފައިވާކަމަށް މިމަހުގެ 19ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ. އެއީ އެހެން މައްސަލައަކާ ގުޅިގެން ކުރާ ދައުވާތަކެއްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޒިހާންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސް 2ގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.