23 Feb 2012, 01:38
ޑްރަގް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވާ ބޭފުޅުންނާ މާދަމާ ހެނދުނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަން ހަމަޖައްސާފައިވާ އިންޓަވިއުތައް ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ނިންމާފައިވަނީ ޑްރަގް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖޭއެސްސީން ކުރާ މަސައްކަތްތައް ހުއްޓުވައި ދިނުމަށް ގާނޫނީ ވަކީލު ހަސަން ފިޔާޒު އާއި، މުހައްމަދު ފަރީދު އަދި އަނަސް އަބްދުއް ސައްތާރު އެ ކޯޓަށް މިރޭ ހުށަހެޅި މައްސަލައިގައި ނެރެދިނުމަށް އެދުނު ވަގުތީ އަމުރާއި މެދު ގޮތެއް ނިންމުމަށް މިރޭ ބެއްވި ޝަރީއަތުގެ މަޖިލީހެއްގަ އެވެ.
އަވަސް ނިޔާގެ މި މައްސަލަ މިރޭ ސިވިލް ކޯޓްގައި ހިންގާފައި ވަނީ ޖޭއެސްސީގެ ޣައިރު ހާޒިރުގަ އެވެ. އެއީ ޖޭއެސްސީއަސް ޗިޓް ފޮނުވި އިރު ޖޭއެސްސީގެ އިދާރާ ބަންދުކޮށްފައި ހުރުމުން ޗިޓް ރައްދު ނުވެގެނެވެ.
ދައުވާ ކުރި ތިން ވަކީލުން އެދިވަޑައިގެންފައި ވަނީ ޑްރަގް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން އަމަލުކުރާ ގޮތާއި ބެހޭގޮތުން އެބޭފުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ނިމެންދެން މާދަމާ 9:00 ގައި ޖޭއެސްސީން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އިންޓަވިއުތައް ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށް ދިނުމަށެވެ.
ވަގުތީ އަމުރަށް އެދިވަޑިގަންނަވަމުން ވަކީލު ފަރީދު ވިދާޅުވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބުނާ ގޮތުން ޑްރަގް ކޯޓަކީ ސުޕީރިއާ ކޯޓުތަކާއި އެއް ދަރަޖައެއްގައި އުފެދޭ ކޯޓެއް ކަމަށްވާތީ، ކޯޓްތަކާއި ބެހޭ ގާނޫނުގައި ސުޕީރިއާ ކޯޓުތަކާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ ހުރިހާ އުސޫލުތައް އެ ކޯޓާއި ގުޅޭ ނިސްބަތުން ހިނގާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ސުޕީރިއާ ލެވެލްގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް މާކްސް ދިނުމުގެ ކްރައިޓީރިއާއެއް ޖޭއެސްސީން ހާމަކުރަން ޖެހޭއިރު، އެފަދަ ކްރައިޓީރިއާއެއް ޖޭއެސްސީން ހާމަކޮށްފައި ނުވާތީ، ތައުލީމާއި ތަޖުރިބާއަށް މާކްސް އެލޮކޭޓްކޮށްފައިވާ ގޮތާއި އަދި އިންޓަވިއުއަށް މާކްސް އެލޮކޭޓްކޮށްފައިވާ މިންވަރާއި، އިންޓަވިއު ކުރެވޭ ދާއިރާއަކީ ކޮބައިކަން ވެސް އެނގެން ނެތް ކަމަށެވެ.
ޑްރަގް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި މާކްސް ދޭ ކްރައިޓީރިއާއަކީ ހައިކޯޓުގައި މިހާރު ޗެލެންޖް ކޮށްފައިވާ ކުރައިޓީރިއާ އަކަށްވެ، ހައިކޯޓުން އެ ކްރައިޓީރިއާ އަކީ ގާނޫނާއި ޚިލާފަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ އެއް ކަމަށް ނިންމައިފި ނަމަ ޑްރަގް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދޭނެ ފުރުސަތު އޮންނާނެތީ އެއީ އެބޭފުޅުންނަށް ލިބޭ ގެއްލުމެއް ކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.
ނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލު މޫސާގެ ނިންމެވުން މިރޭ އިއްވެވި އިރު ވިދާޅުވީ ދައުވާކުރާ ފަރާތްތަކަށް ލިބިދާނެކަމަށް އެ ފަރާތްތަކުން ގަބޫލުކުރާ ގެއްލުން އެފަރާތްތަކަށް ކުރިމަތިވާނީ އެ އިންޓަވިއުތައް ނިމި ޑްރަގް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާ ހިސާބުން ކަމަށެވެ.
އެހެންކަމުން އެ އިންޓަވިއުތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއީ ދައުވާކުރާ ފަރާތްތަކުން ލިބިދާނެކަމަށް ގަބޫލުކުރާ ގެއްލުން އިއާދަ ނުކުރެވޭވަރުގެ ސަބަބަކަށް ނުވާތީ ޖޭއެސްސީން އެ އިންޓަވިއުތައް ކުރިއަށް ނުގެންދިޔުމަށް ޖޭއެސްސީގެ މައްޗަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ.
ސަން އޮންލައިންނަށް އެނގިފައިވާ ގޮތުގައި ޑްރަގު ކޯޓަށް ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތައް ކުރިމަތިލުމަށް އިއުލާން ކުރުމުގެ 40 އަށް ވުރެ ގިނަ ބޭފުޅުން އެކަމަށް އެދި ކުރިމަތިލާފައި ވެއެވެ.