މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަވަން އެންގި ނަމަވެސް އެ ފައިސާ ދައްކަވާފައި ނުވާތީ، އެ މައްސަލަ އެޓާނީ ޖެނެރަލް ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމުގައި ވަނީ ހުކުމް ކުރާތާ މަދުވެގެން ހަ މަސް ތެރޭ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ފައިސާ ދެއްކުމަށް ކަމަށެވެ. ނަމަވެސް ޔާމީން އެ ފައިސާ ދައްކަވާފައި ނުވެއެވެ.

އޭގެ ފަހުން، ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މީރާއިން ރައީސް ޔާމީނަށް އެންގި ނަމަވެސް، އަދިވެސް ފައިސާ ހަވާލު ކޮށްފައެއް ނުވެއެވެ.

އެހެންކަމުން އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދައުލަތަށް ދެއްކުމަށް އަމުުރު ކޮށްދިނުމަށް އެދިފައިވެއެވެ.

އޭޖީ އޮފީހުން އެ މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައި ވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހު އެވެ. އެއަށްފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ.